ރަސޫލާގެ ދިފާއުގައި ސަރުކާރުން އެޅި ފިޔަވަޅަށް ވުރެ ރަނގަޅު ފިޔަވަޅެއް އެޅެން ޖެހޭ: ޑރ. ޝަހީމް

ކުރީީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --- ސަން ފޮޓޯ/ ނާއިލް ހުސެއިން

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅިގެން ސަރުކާރުން އެކަން ކުށްވެރިކޮށް ހަމައެކަނި ބަޔާނެއް ނެރެގެން ނުފުދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި ކޮންމެ މީހަކު އިސްލާމް ދިނާއި ރަސޫލާއަށް ފުރައްސާރަ ކުރި ނަމަވެސް އިސްލާމީ ގައުމަކަށް އެކަމަށް އެކަށޭނަ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި "ފިނި ބަޔާނެއް" ނެރުމަކީ އެކަމަށް އެންމެ އެކަށޭނެ ފިޔަވަޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސެއިން

"އިސްލާމީ ބޮޑެތި ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ، އެމީހުންގެ ފެންވަރުގަ ކުރެވޭނެ ހުރިހާ ކަމެއްވެސް ކޮށްފަ. ކޮންމެ ކަހަލަ ރަހުމަތްތެރި ކަމެއް އޮތް ނަމަވެސް މިކަހަލަ ކަންކަމަށް ދޫދެވިގެން ނުވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ރަސޫލާއަށް ފުރައްސާކުރުން ކުށްވެރިކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހުގެރޭ 20:45ގައި ކާނިވާ ސަރަހައްދުގައި ބާއްވާނެ ކަމަށް ޑރ. ޝަހީމް ވަނީ އިއުލާނުކުރައްވާފައެވެ.

"ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް 16 ވަނަ ދުވަހުގެރޭ ބޮޑު ޖަލްސާއެއް އޮންނާނެ. ބީޖޭޕީގެ ދެ އިސް އޮފިޝަލުންގެ އަމަލުތަކަށް އެމީހުން މައާފަށް އެދެން ޖެހޭނެ. ކޯލިޝަންގެ ބޭނުމަކީ ރަސޫލާގެ ދިފާއުގައި އަޑުއުފުލުން. މިއީ ސިޔާސީ ކަމެއް ނޫން. ކޮންމެ ފިކުރަކަސް މި ޖަލްސާގެ ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް،" ޝަހީމް ވިދާޅުވިއެވެ.

ރަސޫލާއަށް ކުރި ފުރައްސާރައާ ދެކޮޅަށް ރަސޫލާގެ ދިފާއުގައި "މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ގިނަ ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ވަނީ ސައިކަލު ބުރެއް ވެސް ބާއްވާފައެވެ.

"މަގޭ ނަބިއްޔާ"ގެ ނަމުގައި ޒުވާނުން ބޭއްވި ސައިކަލު ބުރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިދިކޮޅު ކޯލިޝަނުން ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމީ ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައި ވަނިކޮށް، އެ ފިޔަވަޅަކީ އެންމެ އެކަށޭނެ ފިޔަވަޅުކަމަށް ނުދެކޭތީ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ ނުޕުރު ޝަރުމާ ސަސްޕެންޑުކޮށްފައެވެ. އަދި އެކަމާ ބެހޭ ގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ރަސޫލާއަށް ފުރައްސާރަ ކުރި ދެ މީހުންނަށް ބީޖޭޕީން އަވަސް ފިޔަވަޅު އަޅާފައިވާތީ، އެކަމަށް މަރުހަބާ ކިޔައިފައެވެ.

މީގެ އިތުރުން ދުނިޔޭގެ މުސްލިމު އެހެން ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް އަރަބި ގައުމުތަކުގެ ސަރުކާރުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ހާޒިރުކޮށް، އެ މައްސަލާގައި އިންޑިއާއިން މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް