ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރަތްދޫލައިން މަރުހަބާ ދަންނަވައިފިއެވެ.
ރައީސްގެ ދަތުރުފުޅުގައި، އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ދަައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސް މާމިގިއްޔަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ރައީސް މާމިގިއްޔަށް ވަޑައިގެން ގާސިމް އާއެކު-- ފޮޓޯ/ ޖޭޕީ
މި ދަތުރާ ބެހޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު "ސަން" އަށް ވިދާޅުވީ، ރައީސްއާއި ގާސިމަކީ ދޭތެރެ ދޭތެރެއިން ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާ ދެ ބޭފުޅުން ކަމަށާއި، މި ދަތުރަކީވެސް އެފަދައިން ކުރެއްވި ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ރައީސް ދެން ވަޑައިގަންނަވާނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓަށްކަން ފާހަގަ ކުރައްވަމުން އަލީ ވިދާޅުވީ، މި ދަތުރުގައި މަޝްވަރާ ކުރައްވާނެ ދާއިރާތައް ދަންނަވަން އަދި އަވަސް ކަމަށެވެ.

ރައީސް މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް ރަތްދޫލައިން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ޖޭޕީ
މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
"ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއި އެކީގައި އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބް ކުރެވޭނެކަން," ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ ކޯލިޝަނެއްގެ ތެރެއިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުނިންމާ ކަމަށް އެ ޕާޓީން އިއްޔެ ވަނީ ބުނެފައެވެ.