ފައިނުން ގަވައިދާ ޚިލާފަށް 5،000 ގަސް ބޭރުކުރި ކަމުގެ ތުހުމަތު!

ރ. ފައިނުން ރުއްގަސް ކަނޑައިގެން ގެންދަނީ ---- ފޮޓޯ/ ކިޔުންތެރިއެއް

ރ. ފައިނުން ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ބޭރުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރުއްގަސްތައް އެރަށުން ކަނޑައިގެން ގެންދަނީ ކުންފުންޏަކުންނެވެ.

އެރަށުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ކުންފުނިން އެކި ފަހަރު މަތިން އެރަށުން ގަސް ކަނޑަިއގެން ގެންދާ ކަމަށެވެ. އަދި އެ ރަށަކީ އާދަޔާ ޚިލާފަށް ގިރާ ރަށަކަށް ވުމާއެކު އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

އެކަން ކުރަމުންދަނީ މަގުހެދުމުގެ މަޝްރޫއުގެ ނަމުގައި ކަމަށާއި ގަސް ކަނޑަމުންދަނީ އެކަމުން ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ހަދާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ވެސް ނުހަދާ ކަމަށް އޭނާ ބުންޏެވެ.

ރުއް ވެސް ހިމެނޭހެން މިހާތަނަށް ޖުމްލަ 5،000 ގަސް ކަނޑާފައިވާކަން ފާހަގަ ކޮށް އޭނާ ބުނީ ގޯތި ދޫނުކުރާ ސަރަހައްދުތަކުން ވެސް ގަސްތައް ކަނޑަމުން ދާކަމަށެވެ. އަދި އެކަމަށް ދެ ހައިމާކު ބޭނުން ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރ. ފައިނުން ގަސް ކަނޑަނީ --- ފޮޓޯ/ ކިޔުންތެރިއެއް

އެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފައިސަލް "ސަން"އަށް ވިދާޅުވީ ގަސް ކަނޑަމުން ދަނީ ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ މަގު ހެދުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ވެސް ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފައިނުގައި އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކުގެ ސަބަބުންނެވެ.

ފައިނު އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މީގެ ކުރިން ހެދި އީއައިއޭ ގައި ބުނީ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭކަމަށެވެ.

އެރަށުގައި ގަސް ހެދިފައި ހުރި ސަރަހައްދުން 38 ޕަސެންޓުގެ ގަސް ކަނޑަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެއްޔާއި ފެންފަށަލަ އަދި ރަށުގެ ފިނި ހޫނުމިނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް