ކޮލިފައިންގެ ފުރަތަމަ މެޗުގައި ތައިލޭންޑު އަތުން ރާއްޖެ ބަލިވެއްޖެ

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެ އާާއި ތައިލޭންޑުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 0-3 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

އުޒްބެކިސްތާންގެ މަރްކަޒީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖޭގެ ގޯލަށް ތައިލޭންޑުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ.

ނަމަވެސް ރާއްޖޭގެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް އެ މެޗުގައި ފެނިފައެއް ނުވެއެވެ. ތައިލޭންޑުގެ ގޯލްކީޕަރު ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް ރާއްޖެއަށް ނުއުފެއްދޭ އިރު، ރާއްޖެއަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ތައިލޭންޑުން އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ މެޗުގެ 40 ވަަނަ މިނެޓުގައެވެ. އެ ގޯލަކީީ ތައިލޭންޑުގެ ތީރަތޯން ބުންމަތަން އަރިމަތިން ނެގި ހުރަސް އޭރިއާ ތެރޭގައި ހުރި އެ ޓީމުގެ ސަރާޗް ޔޫޔެން ބޮލުން ޖެހި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން އަނެއްކާ ވެސް ތައިލޭންޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ތައިލޭންޑުގެ ކުޅުންތެރިއަށް ތިރިތިރިން އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅައެއް އެ ޓީމުގެ ތީރަސީލް ޑަންގްޑާ ގޯލު ތެރެއަށް ފޮނުވާލައިގެން ޖަހާފައިވާ ގޯލެކެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެ އާާއި ތައިލޭންޑުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މީގެ އިތުރުން، ތައިލޭންޑުގެ ޕަންސާ ހެމްވިބޫން ވަނީ އެ ޓީމަށް މެޗުގެ ތިން ވަނަ ގޯލު ޖަހައިދީފައެވެ. އެ ގޯލަކީ ތީރަތޯން އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއްގެ ބޭނުންހިފައިގެން އޭނާ ޖެހި ގޯލެކެވެ.

އުޒްބެކިސްތާންގައި އޭއެފްސީ ކަޕްގެ ގުރޫޕް ބީގެ ކޮލިފައިން މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި އުޒްބެކިސްތާނެވެ.

ރާއްޖެ މިއަދުގެ މެޗުން ބަލިވުމާއެކު އޭއެފްސީ ކަޕުން ޖާގެއެއް ހޯދުމަށް ދެން ހުރި މެޗު ތަކުން މޮޅުވާން ރާއްޖެއަށް ވަނީ މަޖުބޫރުވެފައެވެ. ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި އުޒްބެކިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް