ދައުލަތުން ލޯނު ނަގާނަމަ އިގްތިޞާދަށް ކުރާ އަސަރު، މިނިސްޓަރު ރިޕޯޓު ކުރަން ޖެހޭ ބިލެއް ހުށަހަޅައިފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެފަދަ މުއާމަލާތެއްގެ ސަބަބުން ގައުމުގެ އިގްތިޞާދަށާއި، ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާ ކުރުމަށް ފަހު މިިނިސްޓަރު ރިޕޯޓު ކުރަންޖެހޭ ގޮތަށް ކަމަށް ކަނޑައަޅައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ހުށަހަޅުއްވާފައިވާ، އެ އިސްލާހުގެ މަގުސަދަކީ ކޮވިޑާއި، ރަޝިޔާއާއި ޔޫކްރޭނުގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭން ބޭރުގެ ދަރަނި ދެއްކުމަށް ކުރިއަށް އޮތްތާންގައި ދަތިތަކެއް ދިމާވުމުގެ ފުރުސަތުތައް އޮތުމުން އެކަން ހައްލު ކުރުމެވެ.

ދައުލަތަށް ދަރަންޏަށް ފައިސާ ނެގުން ނުވަތަ ސަރުކާރުން ގެރެންޓީ ދޭއިރު އެކަމަށް ކުރާ ޚަރަދުތަކަކީ ކޮންމެހެން ކުރަންޖެހިފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަކަށް، ނުވަތަ އިތުރު އާންމުދަނީއެއް އުފައްދާ ކަންކަމަށް ޚަރަދު ކުރާ ދަރަންޏެއް ކަން ޔަގީން ކުރަންޖެހޭ ކަމަށް ވެސް ބިލްގައި ވެއެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދަރަނި ނެގުމާއި ގެރެންޓީ ދޭއިރު މިނިސްޓަރު ތައްޔާރު ކުރާ ރިޕޯޓު، ރައީސްއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެއަށްފަހު އެ ރިޕޯޓު ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ދަރަނި ނެގޭނީ ނުވަތަ ގެރެންޓީ ދެވޭނީ މަޖިލީހުން ވޯޓެއް ނެގުމަށްފަހު ފާސް ކުރުމުން ކަމަށް ވެސް އިސްލާހުގައިވެއެވެ.

ބިލްގައިވާ ގޮތުން ދައުލަތުން ދަރަންޏަށް ފައިސާ ދިނުމާ، ގެރެންޓީއެއް ދިނުމަށް ހުށަހަޅާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ދެކޭގޮތް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ހުރީ 98.9 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން ބަލާއިރު އެއީ 113 އިންސައްތައެވެ.

comment ކޮމެންޓް