އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ގައުމީ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރިނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަން ވޯޓު ދިނީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދަން ފުރުސަތު ނުދޭން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން ބުނެފިއެވެ.
އެޕާޓީގެ ޕީޖީން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލަން ޕީޖީން ނިންމީ ސަބަބުތަކަކާއެކު ކަމަށެވެ. އެގޮތުން އިސްލާމްދީނާއި ރަސޫލާގެ ނަންފުޅު ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދޭން ބޭނުން ނުވާކަމަށް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ މަޖިލީހަށް އިއްޔެ ހުށަހެޅި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އޭގެ ފަހަތުގައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުންކަމަށް ތުހުމަތުކޮށްފައެވެ. އަދި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަކީވެސް އޭގެ ބޭނުމެއް ކަމަށް އެމްޑީޕީގެ ޕީޖީން ނެރުނު ބަޔާނުގައިވެއެވެ.
"ރަސޫލާއަށް ފުރައްސާކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައާ ދެކޮޅެއް ނޫން. އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ކުރާ ކޮންމެ ކަމެއް އަޅުގަނޑުމެން ޕީޖީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޕީޖީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީ ޕީޖީން ނެރުނު ބަޔާނުގައި ބީޖޭޕީގެ އިސް ފަރާތްތައް ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ ސަރުކާރުން ކުށްވެރިކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުން އަބަދުވެސް އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުމާ ގުޅޭ ކޮންމެ އަމަލަކާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިއްޔެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
އޭގެ ފަހުން އިއްޔެ ސަރުކާރުން ވެސް ވަނީ ބީޖޭޕީ ތަރުޖަމާނާއި އެ ޕާޓީގެ އިސް އެހެން އޮފިޝަލެއްގެ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެކަމާ ގުޅިގެން ބީޖޭޕީގެ ދެ އޮފިޝަލުންނާ މެދު އެޅި އަވަސް ފިޔަވަޅަށް މަރުހަބާ ކިޔާފައިވެއެވެ.
މީގެ އިތުރުން ރަސޫލާއަށް ފުރައްސާރަ ކުރުން އިދިކޮޅު ކޯލިޝަނާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ގަތަރާއި ކުވޭތާއި އީރާނުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ހާޒިރުކޮށް، ބީޖޭޕީގެ މެންބަރުން ދެއްކެވި ވާހަކައާ ބެހޭ ގޮތުން ނުރުހުން ފާޅުކުރައްވާފައެވެ.
އެ މައްސަލާގައި އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތަކެއް ވެސް އިސްލާމީ ގައުމުތަކުގެ ރައްޔިތުންނާއި މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމް ޒުވާނުން ވަނީ ފަށާފައެވެ.
އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ ތަރުޖަމާނު ސަސްޕެންޑުކޮށް، ރަސޫލާއަށް ފުރައްސާރަ ކުރި އެ ޕާޓީގެ އަނެއް އޮފިޝަލް ޕާޓީން ވަކިކޮށްފައެވެ.