ޒަޔާން މަރާލި މައްސަލާގައި އިތުރު ކުޑަކުއްޖަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ފޭދޫ: ފޭދޫގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު މަރާލި މައްސަލާގައި އިތުރު ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީގައި ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން އިތުރު ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބު ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުތެރޭގެ އަމާންކަން ނަގާލަން އުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މަރާލި ޒަޔާންގެ ގައިގެ އެތައް ތަނަކަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފައެވެ. އެގޮތުން އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންނަށް ގޮވާލައްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި އައްޑޫގައި އަމަން އަމާންކަން ގާއިމްކުރުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކެވެ. އެގޮތުން ފުލުހުންގެ އަދަދު މަދުވުމާއި ވަސީލަތްތަަކުގެ ގޮތުން ވެސް ދަތިތަކެއް ހުރިކަން ކައުންސިލުން ފާހަގަކުރިއެވެ.

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ މި ގުރޫޕުތައް މެދުގައި މާރާމާރީތައް ހިނގާ މައްސަލައަކީ މިހާރު އައްޑޫގައި ބޮޑު މައްސަލައެއް ކަމަށެވެ.

ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން ސީޕީ އިތުރަށް ފާހަގަކުރެއްވީ އައްޑޫގެ މަސްތުވާތަކެތީގެ މައްސަލައާއި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލައެވެ.

comment ކޮމެންޓް