"ވަރަށް ސަޕްރައިޒްޑް"
މިދިޔަ ހުކުރުދުވަހުގެ ރޭ އޮތް ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ފަހު، އެ ސްކޫލުގެ 2020/21ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރު، ލުބާނާ އަޙްމަދުގެ އިހުސާސްތައް ކިހިނެއްތޯ އަހާލުމުން ލިބުނު ޖަވާބު އަޅުގަނޑަށް ވެސް ވީ ސަޕްރައިޒަކަށެވެ.
މުޅި ސްކޫލުގެ ތާރީޚްގައި ވެސް ހޯދި އެންމެ ރަނގަޅު ނަތީޖާގެ ރެކޯޑާއެކު ސްކޫލް ނިންމާލި ދަރިވަރަކު އިނާމު ދިނުމުގެ ޖަލްސާއަށް ފަހު "ސަޕްރައިޒް" ވާންވީ ކީއްވެބާއޭ ހިތަށް އެރިއެވެ.
"އަޅުގަނޑަށް ކާމިޔާބު ކުރެވުނީ އެހާ ބޮޑު ކަމެކޭ ކުރިއަކުން ހިތަކަށް ނާރާ. އެކަމަކު މި ޖަލްސާ ބޭއްވީމަ އެނގިއްޖެ ސްކޫލަށް ވެސް އަދި ރަށަށް ވެސް ލިބުނު ފަޚްރެއްކަން މިއީ،" އޭނާ އޮޅުންފިލުވައިދިނެވެ.
ލުބާނާއާ މެދު އޭނާ ކިޔެވި ސްކޫލާއި ރަށް ފަޚްރުވެރި ނުވާންވީ ސަބަބެއް ނެތެވެ. ސާނަވީ ނިންމި އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ ހަވަނައިގައި ހިމެނުމަށް ފަހު، މަތީ ސާނަވީ ނިންމާލީ އެ ރޭންކިންގެ ހަތަރުވަނައިގައެވެ.
ނަމަވެސް، ކިޔަވަމުން ދިޔަ އިރު އޭނާ ކަނޑައެޅި ޓާގެޓުތައް ހުރީ އެއަށް ވުރެ މާ މަތީގައެވެ. އެ ހިސާބަށް ވާސިލުވުމަށް ކުރިމަތިވި ދަތިތައް ވެސް އޭނާ ކިޔައިދިނެވެ.
"ކޮވިޑާ ގުޅިގެން ސްކޫލުގައި ކިޔަވައިނުދީ ވަރަށް ގިނަ ދުވަސްތައް ދިޔަ. ދެން ޓެސްޓު ވަރަށް ކައިރިވެފައި އޮއްވާ ފިޒިކްސް އަދި ބައޮލޮޖީ ޓީޗަރު ވެސް ހިނގައްޖެ،" ލުބާނާ ކިޔައިދިނެވެ.
ކޮވިޑާ ގުޅިގެން އެ ރަށް ލޮކްޑައުންގައި އޮތުމަށް ފަހު ދެން ކުރިމަތިވީ ސްކޫލް ބަންދާއެވެ. އެހާ ގިނަ ދުވަހު ކުލާސްތަކާ ދުރުގައި ހުންނަން ޖެހުންވީ ބޮޑު ޓެސްޓަކަށް ތައްޔާރުވަމުން ދިޔަ ދަރިވަރެެއްގެ ހައިސިއްޔަތުން އޭނާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.
އޭނާ ދެން ކިޔައިދިނީ އެ އަަހަރު މަތީ ސާނަވީ ނިންމި ހުރިހާ ދަރިވަރުންނަށް ވެސް ކުރިމަތިލާންޖެހުނު ކަންތަކުގެ ވާހަކައެވެ.
"ވަރަށް ޑީމޯޓިވޭޓްވި އެހާ ގިނަ ދުވަސްތަކަކަށް އޭލެވެލް ފަސްކުރަމުން ދިޔައީމަ،"
އެއްފަހަރު ކޮވިޑާ ގުޅިގެން، އަނެއް ފަހަރު ޕޭޕަރުތައް ލީކުވެގެން ހަ މަހުން، ހަ މަހުން ޓެސްޓުގެ ތާރީޚް ފަސްވަމުން ދިޔުމުގެ ސަބަބުން ވެރިވި ފޫހިކަމުގެ އިހުސާސާ އޭނާ ވެސް ކުރިމަތިލިއެވެ.
މީގެ އިތުރުން ޓެސްޓަށް ދެމަހަށް ވެފައި އޮއްވާ މުހިއްމު ދެ މާއްދާއެއްގެ ޓީޗަރުން ސްކޫލާ ވަކިވުމުގެ ސަބަބުން، އެ މާއްދާތަކުގެ ބޮޑު ބައެއްގައި އަތް ނުލެވި އޮތެވެ. މި ދަތި ދަނޑިވަޅުގައި ލުބާނާގެ އުންމީދަކަށްވީ ކައިރި ރަށްރަށުގައި ތިބި ޓީޗަރުން މެދުވެރިކޮށް އެ މާއްދާތައް އުނގަންނައިދިނުމަށް ސްކޫލުން ކޮށްދިން މަސައްކަތެވެ.
ލުބާނާގެ ނަޒަރުގައި އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ އުފަން ރަށުގައި ހުރެގެން ކިޔެވުމަށް ލިބުނު ފުރުސަތެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް އޭލެވެލްގައި ލިބުނު ކާމިޔާބީ ލިބުނީ އަޅުގަނޑުގެ މައިންބަފައިންގެ ކައިރީގައި، އަމިއްލަ ގެދޮރުގައި، ތިމާގެ މީހުންނާ އެކީގައި، އަދި އަޅުގަނޑަށް ކުޑައިރުއްސުރެ ވެސް ކިޔަވައިދެއްވަމުން އައި ޓީޗަރުންނާ އެކީގައި، އަޅުގަނޑުގެ އެންމެހާ އެކުވެރިންނާއެކު، ކިޔެވޭނެ ގޮތް އަޅުގަނޑަށް މެދުވެރިވެފައި ވުމުން،" އިނާމު ދިނުމުގެ ޖަލްސާގެ ހާޒިރީންނާ މުޚާތަބުކޮށް ވާހަކަދައްކަމުން ލުބާނާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ކުޑަ ސްކޫލެއްގައި ކިޔެވުމަކީ މަތީ ނަތީޖާއެއް ހޯދުމަށް އޮތް ހުރަހެއް ނޫނެވެ. ބޭނުންވާ ކަމަކީ އަމިއްލަ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ނުގުޑާ ފަދަ އަޒުމަކާއެކު، ހިތްވަރު ކުރުމެވެ.
"ކޮންމެ ކުއްޖެއްގެ ވެސް އޮންނާނެ ހުވަފެނެއް. އެކި ކުދިން ޝައުގުވެރިވާނީ އެކި ދާއިރަތަކަށް. އެކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކުރާށޭ އަޅުގަނޑު ބުނާނީ،" އޭނާ ބުންޏެވެ.
އުމުރުން މިހާރު 20 އަހަރު ފުރިފައިވާ ލުބާނާ ދެކެމުން އައި ހުވަފެނަކީ ޑޮކްޓަރަކަށް ވުމެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގައި އެ ހުވަފެން ފުރިހަމަ ކުރުމުގެ ފުރަތަމަ މަރުހަލާ އޭނާ އަންނަނީ ކަޑައްތުކުރަމުންނެވެ.
"އަބަދުވެސް ބޭނުންވޭ މީހުންނަށް އެހީވާން. ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެއް ޑޮކްޓަރަކަށް ވެގެން ބަލިމީހުންނަށް ފަރުވާކުރުމަކީ،" ލުބާނާ ކިޔައިދިނެވެ.
ޑޮކްޓަރެއްގެ ގޮތުގައި އޭނާ ޚާއްޞަ ވާން ބޭނުންވަނީ ނިއުރޯލޮޖީގެ ދާއިރާއިންނެވެ. އެ އަމާޒަށް ވާސިލުވުމަށް އަދި ދިގު ރާސްތާއެއް ކަޑައްތުކުރަން އެބައޮތެވެ.
އެ ރާސްތާ ކަޑައްތުކުރުމަށް އޭނާގެ އެންމެ ބޮޑު އެއް ހިތްވަރަކީ ރާއްޖޭގައި މިވަގުތު ތިބި ފުންނާބު އުސް ޑޮކްޓަރުންނެވެ.
"ރާއްޖޭގައި ތިބި މޮޅެތި ޑޮކްޓަރުންނަށް ބަލައިލީމައި އެނގޭ ދިވެހީންނަށް ވެސް މޮޅެތި މީހުންނަށް ވެވޭނެކަން. ދިވެއްސަކު އެއީ ޑޮކްޓަރެކޭ ނޫނީ ނިއުރޯލޮޖިސްޓެކޭ ބުނީމަ ވަރަށް ފަޚްރުވެރި އިހުސާސެއް ކުރެވެނީ،" ލުބާނާ ބުންޏެވެ.
ކިޔެވުމުގައި ކުރިއަށް ދިޔުމުގައި އޭނާގެ އަނެއް ހިތްވަރަކީ ޅަފަތުގައި އޭނާގެ މައިންބަފައިން އަޅައިދިން ބިންގަލެވެ. ލުބާނާ ބުނި ގޮތުގައި އޭނާއަކީ ކިޔަވާ ހިތްވާ ކުއްޖަކަށް ހަދައިދިނީ އޭނާގެ މަންމައެވެ.
"ކުޑައިރު އެންމެ ފުރަތަމަ ވަނީ ވެސް އެލްކޭޖީއަށް. އެ ހިސާބަށް ކިޔަވަން ޖެހޭ ހުރިހާ އެއްޗެއް މަންމަ ކިޔަވައިދީފައި ހުރީ،" ލުބާނާ ކިޔައިދިނެވެ.
ދެން އެ ލިސްޓުގެ އެންމެ މަތީގައި އޭނާ ހިމަނަނީ ބައްޕަ ފަރާތުގެ މާމައެވެ. ގުރުއާން އެންމެ ފުރަތަމަ ފަހަރަށް ޚަތިމުކުރުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ އެ މާމައެވެ.
"މާމަ ވަރަށް އުފާވާނެ ކިޔެވުމާ ގުޅޭ ކަމެއް ހާސިލު ކުރެވިއްޖެއްޔާ. އެއީ ވެސް ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ބުންޏެވެ.
މަންމައާއި މާމަ، އަދި އާއިލާގެ އެހެން ހުރިހާ މެންބަރުންނާއި، ކިޔަވައިދެއްވި މުދައްރިސުންނަށް ލުބާނާގެ ހިތުގައި އޮތީ ނިހާއީ ޝުކުރެވެ.
"ވަރަށް ލޯބިވެޔޭ ބުނަން ބޭނުމީ،" އެ މީހުންނަށް އޭނާގެ ހިތުގައި އޮތް ގަދަރު ބަޔާންކޮށްދޭނެ އިތުރު ލަފުޒެއް އޭނާގެ ފަރިތަ ދުލަށް ވެސް ނަޔެވެ.
ފަސް އަހަރުގެ ބުރަ މަސައްކަތުން ހޯދޭ އެމްބީބީއެސް ފާސް ހާސިލުކުރުމަށް އޭނާ ނުކުތީ އެ އެންމެންގެ ހިތްވަރާ، ހެޔޮ ދުއާއާ އެކުގައެވެ. އޯލެވެލް، އަދި އޭލެވެލްގައި ވެސް ހޯދި ފަދަ ކާމިޔާބެއް ހޯދުމުގެ އުންމީދުގައެވެ. އޭނާ އެބައެއްގެ ކިބައިން ހިތްވަރު ލިބުނު ޑޮކްޓަރުންނެކޭ އެއްފަދައިން، ގައުމަށް ޚިދުމަތްކޮށްދޭ ފަޚްރުވެރި ދިވެހި ދަރިއަކަށް ވުމުގެ ހުވަފެނާއެކުއެވެ.