މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ވިނަރެސްއިން 100 ފްލެޓު ހާއްސަކޮށްފި

ވިނަރެސް އެޕާޓްމެންޓެއްގެ އެތެރެ -- ސަން ފޮޓޯ

މާލޭ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވިނަރެސް ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިހާރު ވަނީ ވިނަރެސް ފްލެޓުތައް ލިބޭ މީހުން ހޮވާއިރު ބަލާނެ ޝަރުތުތައް އިއުލާންކޮށްފައެވެ. އެގޮތުން ބަލާނެ އާންމު އުސޫލުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ ރައްވެއްސަކަށް ވުން ހިމެނެއެވެ.

ނަމަވެސް މާލޭގައި ރަޖިސްޓްރީ ނުވެ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވި ނަމަވެސް، ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވިނަރެސްއިން 100 ފްލެޓު ހާއްސަކޮށްފައިވާކަން އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް ވިނަރެސް ފްލެޓުތައް ހޯދުމަށް ފުރުސަތު ދީފައިވަނީ ތިން ފަރާތަކެށެވެ. އެއީ ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓަގަރީތަކުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ވިނަރެސްއަށް ބަދަލުވާން ބޭނުންވާ މީހުން، ސީލައިފްއިން ފްލެޓު ގަތް މީހުން އަދި ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނެވެ.

އެ ފްލެޓުތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ފްލެޓުތައް ބަލަން ދިޔުމުގެ ފުރުސަތާއި ފްލެޓުތަކާ ބެހޭ މައުލޫމާތު ދޭ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

އޭގެ ތެރެއިން ކޮންމެ އެޕާޓްމެންޓެއްގެ އަގު ވެސް 2.5 މިލިއަން ރުފިޔާއިން މަތީގައި އުޅޭ އިރު އެންމެ އަގު ބޮޑީ މެރީނާ ސައިޑް އެޕާޓްމެންޓްތަކެއްގައެވެ. އެ އެޕާޓްމެންޓްތަކުގެ އަގު ތިން މިލިއަން ރުފިޔާއަށް އަރައެވެ.

މި ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އޮވެއެވެ.

ފުރަތަމަ ގޮތަކީ އެޕާޓްމަންޓްގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމެވެ. އެއަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ. ފައިސާ ދެއްކުން 20 އަހަރަށް ބަހާލުމުން ނުވަ ޕަސެންޓްގެ ފައިދާ އެޗްޑީސީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ދެވަނަ ގޮތަކީ އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެއް މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ. މިގޮތަށް ފައިސާ ދެއްކުމުން ވެސް ނުވަ ޕަސެންޓްގެ ފައިދާއެއް އެޗްޑީސީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެޗްޑީސީން ބުނީ އެ ދެ ގޮތަށްވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއް ފަހަރާ ނުވަތަ މަޝްރޫއު ނިމޭ ތާރީޚާ ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ.

އެޕާޓްމެންޓްގެ މަހު ކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫއު ނިމި އެޕާޓްމަންޓާ ހަވާލުވާން ފަށާ ތާރީޚުން ފެށިގެންނެވެ.

comment ކޮމެންޓް