އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖް: ބްލަޑްޒް ބަލިކޮށް ޗެމްޕިއަންކަން ސަސްޕަޓިސްއަށް

ސަސްޕަޓިސްއިން އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022 ކާމިޔާބުކޮށް ތަށި އުފުލާލަނީ --- ފޮޓޯ/ އެމްވައިއެމް

އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލް މެޗުގައި ބްލަޑްޒް ބަލިކޮށް ސަސްޕަޓިސްއިން ތަށި އުފުލާލައިފިއެވެ.

މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗު ސަސްޕަޓިސް އިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ކޮންޓްރޯލްކޮށް ގިނަ ހަމާލަތެއް އުފައްދާފައިވަނީ ބްލަޑްޒްއިންނެވެ. ބަލަޑްޒްގެ ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަ ކޮށްލެވޭ ދެ ކުޅުންތެރިންކަމުގައިވާ އަލީ ހާފިޒްއާއި އަޔާޒު އަޙްމަދު ވަނީ ސަސްޕަޓިސްގެ ގޯލަށް ނުރައްކާތެރި ހަމާލަތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެއްވެސް ހަމަލާއެއް ގޯލަކަށް ވެފައެއް ނުވެއެވެ.

ސަސްޕަޓިސްގެ ފަރާތުން ފެނުނީ ލިބޭ ފުރުސަތު ތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާ މަންޒަރެވެ. އެގޮތުން މެޗުގެ ފުރަތަަމަ ހާފުގައި އެ ޓީމުން ބިނާކުރި ކައުންޓާ އެޓޭކެއްގައި ވަނީ ގޯލުޖަހައި ސަސްޕަޓިސްއިން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނު މުޙައްމަދު ޝަބީން އާދަމެވެ. އޭނާ ވަނީ މި މުބާރާތުގައި 14 ގޯލު ޖަހައިފައެވެ.

ސަސްޕަޓިސްއިން މެޗުގައި ޖެހި ދެވަނަ ގޯލު ފެނިފައި ވަނީ މެޗުގެ ދެވަނަ މިނެޓުގައެވެ. އެ ގޯލަކީ މުޙައްމަދު ލިޔާހު އެ ޓީމަށް ކާމިޔާބުކޮށްދިން ގޯލެކެވެ. އެ ގޯލާއެކު ރާއްޖޭގެ ފުޓްސަލްގެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ލިޔާހު ވަނީ ހަތަރު ގޯލު ޖަހާފައެވެ.

comment ކޮމެންޓް