މާސްޓާސް ޑިގްރީ ހިލޭ ކިޔެވޭނެ ގޮތް ހެދުމަށް ސިޔާމް ގޮވާލައްވައިފި

ދ އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

[ދ.މީދޫން] ގައުމުގެ ކުރިއެރުމަށްޓަކައި ތައުލީމަކީ މުހިއްމު ކަމެއް ކަމަށާއި، އެހެންކަމުން، ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ހިލޭ ކިޔެވޭނެ ގޮތް ހައްދަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރަނގަޅު ތައުލީމެެއް ހާސިލުކުރުމަށް ކުރިމަތިވާ ހުރަސްތަކަކީ މީގެ ވިއްސަކަށް އަހަރު ކުރީއްސުރެ އެންމެ ގިނައިން ރައްޔިތުންގެ ފަރާތުން އިވިވަޑައިގަންނަވާ ޝަކުވާ ކަމުގައެވެ.

"އަޅުގަނޑު ބޭނުންވޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ގޮވާލަން، އަންނަ އަހަރުން ފެށިގެން ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހައްދަވައިދެއްވަން" އޭނާ ވިދާޅުވިއެވެ.

އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން, މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްަމަދު ހައްޔާން

ސިޔާމް ވިދާޅުވީ، ބޭބީ ނާސަރީން ފެށިގެން ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސިޔާމްގެ ވާހަކަފުޅުގައި ވަނީ ތައުލީމު އުނގެނުމުގެ މުހިއްމުކަމަށް ވެސް އަލިއަޅުވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް މިއަދު ކިޔެވުމުގެ ފުރުސަތު ހުރިހާ ގޮތަކުން މިވަނީ ހުޅުވާލެވިފައި. އެހެންކަމުން، އަޅުގަނޑުމެން އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އެންމެ ރަނގަޅު ގޮތުގައި" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނުން ދުނިޔޭގައި ލައްވަވާފައިވަނީ ނުހަނު ކަރާމާތްތެރި ބައެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން، ތައުލީމު ހާސިލުކުރުމާއެކު ރަނގަޅު އަޚުލާގެއް ވެސް ކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމަށެވެ.

އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން، އިނާމު ލިބުނު ދަރިވަރެއްގެ އާއިލާއާއެކު މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުހައްަމަދު ހައްޔާން

"މަސައްކަތުގައި ވެސް އަދި ވިޔަފާރީގައި ވެސް ކުރިއަށް ދެވޭނީ މީހާގެ އަޚުލާގީ މިންގަނޑު ހިފެހެއްޓިގެން" ސިޔާމް ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި ޓީޗަރުން ގައުމުގެ މުސްތަގުބަލް ބިނާ ކުރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން މަތީ ވަނަތައް ހާސިލުކުރި ކުދިންނަށް ހިތްވަރުދެއްވާ ކުރިއަށް އޮތް ތަނުގައި، ލިބުނު ތައުލީމުން ގައުމަށާއި ރަށަށް ޚިދުމަތް ކުރުމުގެ މުހިއްމުކަން ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ކުދިންނަށް ޕްރީސްކޫލް ތައުލީމު ކަށަވަރުކޮށްދިނުމަށް 2012ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހުރިއްޔާ ތަސްދީގުކުރެއްވި ގާނޫނަކީ ވެސް ސިޔާމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމަށް މަދަރުސާގެ ފަރާތުން ދެއްވި ފިލަޔާ ހަވާލުވެލައްވަނީ -- ސަން ފޮޓޯ/ މުހައްަމަދު ހައްޔާން

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ތުއްތުކުދިން ފުރިހަމަގޮތުގައި ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ މައިންބަފައިންނަށް އެހީތެރިވުމުގެ ދައުރެއް އަދާކޮށްދިނުމާއި، ޢިލްމީގޮތުންނާއި ތަރުބިއްޔަތުގެ ގޮތުންނާއި ހިއްސުތައް ތަރައްޤީކުރުމަށް މަގުފަހިކުރުމުގައި، ތުއްތުކުދިންނަށް ވާގިވެރިވުން ހިމެނެއެވެ.

މީގެ އިތުރުން ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، ވިސްނުމުގެގޮތުން، ތުއްތުކުދިންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެ ކުދިންނަށް ދުޅަހެޔޮ ޞިއްޙަތަކާއި، ދުޅަހެޔޮ ވިސްނުމެއް ލިބިދިނުމަށް މަސައްކަތްކޮށްދިނުމަކީ ވެސް އެ ގާނޫނުގެ މަގްސަދެކެވެ.

comment ކޮމެންޓް