ފަހަތުން އަރައި މަޖިސްޓާ ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ސަސްޕަޓިސްއަށް

އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގައި ސަސްޕަޓިސް އާއި މަޖިސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން---- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓް

މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ސެމީ ފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށް ސަސްޕަޓިސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު މަޖިސްޓާއާ ދޮކޮޅަށް ކުޅެ ސަސްޕަޓިސްއިން ކާމިޔާބުކުރީ 3-7ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ގޯލު ޖަހައިފައިވަނީ މަޖިސްޓާއިންނެވެ. އެ ގޯލަކީ އެ ޓީމުގެ އަޙުމަދު އަޖުވަދު ޖަހައިދިން ގޯލެކެވެ. އެހެންނަމަވެސް އެ ގޯލުގެ ޖަވާބެއްގެ ގޮތުން ސަސްޕަޓިސް ވަނީ ފުރުތަމަ ހާފުގައި ފަސް ގޯލު ޖަހައި މަޖިސްޓާ މާޔޫސްކޮށްލައިފައެވެ. އެ ގޯލުތައް އެ ޓީމަށް ކާމިޔާބުކޮށް ދިނީ މުޙައްމަދު ޝަބީން އާދަމްއާއި މުޙައްމަދު ލިޔާހުގެ އިތުރުން އިބްރާހީމް އަސްވަދެވެ. އެ ހާފުގައި ޝަބީން ވަނީ ތިން ގޯލު ޖަހައިފައެވެ.

އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގައި ބްލަޑްޒްއާއި ޔުނައިޓެޑް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓް

ދެވަނަ ހާފުގައި ލިޔާހު ސަސްޕަޓިސްގެ ހަވަނަ ގޯލުޖަހައިދިން ނަމަވެސް މަޖިސްޓާގެ މުޙައްމަދު ތޯހިރު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަަވެސް މެޗު ނިމުނީ ދެވަނަ ހާފުގެ ފަހު ވަގުތުކޮޅު ތެރޭގައި ޝަބީން ސަސްޕަޓިސްއަށް ޖަހައިދިން ގޯލުގެ އިތުރުން ތޯހިރު މަޖިސްޓާއަށް ޖަހައިދިން ގޯލާއެކުގައެވެ.

އެއާކު އެ ޓީމު ފައިނަލަށް ގޮސްފައިވާއިރު އެ ޓީމު ފައިނަލް މެޗު ކުޅެންޖެހޭނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކުރި ބްލަޑްޒްއާ ދެކޮޅަށެވެ.

އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލް މެޗު މާދަމާ ރޭ 21:00ގައި މިލަދޫ ފުޓްސަލް ދަނޑުގައި ކުޅެން ހަމަޖެހިފައިވާއިރު އެ މެޗު މިލަދޫ ޔޫތު މޫވްމަންޓުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

comment ކޮމެންޓް