މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފުރަތަމަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ބްލަޑްޒް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ރޭ މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ ޔުނައިޓެޑް އެފްސީއާ ދެކޮޅަށް ކުޅެ އެ ޓީމު 3-5 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ބްލަޑްޒްއިން ވަނީ 0-4ގެ ލީޑެއް ނަގައިފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ހުސައިން ޝާފީ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލު ޖަހައިދިނީ މުޙައްމަދު އަނާންއެވެ. އަދި ތިންވަނަ ގޯލު އަޙުމަދު ހާފިޒު ޖަހައިފައިވާއިރު ހަތަރުވަނަ ގޯލު ޖެހީ އަޔާޒު އަޙުމަދެވެ.

އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގައި ބްލަޑްޒްއާއި ޔުނައިޓެޑް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓް
ދެވަނަ ހާފުގައި ޔުނައިޓެޑް އެފްސީގެ މުޙައްމަދު މައުރޫފް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ. އަދި އެ ޓީމުގެ އިރުޝާދު އަދުނާން ގޯލެއް ޖަހައި މެޗުގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް ބްލަޑްޒްގެ އަނާން އޭނާގެ ދެވަނަ ގޯލުޖަހައި ލީޑު އިތުރަށް ވަނީ ފުޅާކޮށްފައެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން މައުރޫފް ވަނީ ޔުނައިޓެޑް އެފްސީއަށް ގޯލެއް ޖަހައިދީފައެވެ.
އެ ނަތީޖާއާއެކު އެ ޓީމު ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ ޓީމު ފައިނަލުގައި ކުޅޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވި ސަސްޕަޓިސްއާ ދެކޮޅަށެވެ.
އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފައިނަލް މެޗު މާދަމާ ރޭ 21:00 ގައި މިލަދޫ ފުޓްސަލް ދަނޑުގައި ކުޅެން ހަމަޖެހިފައިވާއިރު އެ މެޗު މިލަދޫ ޔޫތު މޫވްމަންޓުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.