ށ. ނޫމަރާ ރައްޔިތުން ބޭނުންވަނީ އެރަށު ބަނދަރުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދަންކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ނޫމަރާ ކައުންސިލުން ވަނީ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ.
އަދި އެ ބައްދަލުވުމުގައި ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތައް ކައުންސިލުން ފާހަގަކޮށްފައެވެ. އަދި ރަށުގައި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށަށް އައު މިސްކިތެއް މިވަގުތު މުހިންމުކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އެރަށު ޞިއްޙީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބޭގޮތަށް މި ސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ނޫމަރާގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އާ އިމާރާތެއް އެޅުމަށް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރުމުގައި އެންމެ އިސްކަން ދެއްވާނީ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެރަށު ތަރައްގީގެ މަސައްކަތްތައް ގާތުން ބައްލަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.