ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް، ބަންގްލަދޭޝްއިން ހިލޭ ބޭސް ފޯރުކޮށްދީފި

ބަންގްލަދޭޝް އިން ސްރީލަންކާއަށް ދިން ބޭހުގެ އެހީގެ ރަމްޒީ ލިޔުން ހަވާލުކޮށްދެނީ

ކޮލަންބޯ (02 ޖޫން 2022): އިގްތިސާދީ ތަދުމަޑުކަމެއްގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް އަވަށްޓެރި ބަންގްލަދޭޝްއިން 2.2 މިލިއަން ޑޮލަރުގެ ބޭސް ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފިއެވެ.

ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ބަންގްލަދޭޝްގެ މިއެހީގައި ހިމެނެނީ ސްރީލަންކާއަށް އެންމެ ބޮޑަށް ބޭނުންވާ 79 ބާވަތެއްގެ ބޭހެވެ. އޭގެތެރޭގައި އެކިބާވަތުގެ އެންޓިބައޮޓިކްސްގެ އިތުރުން ލޭ މައްޗަށް ދިއުމާއި ފިޓްޖެހުމާ ދެކޮޅަށް ބޭނުންކުރާ ބޭސްތަކާއި ކެންސަރަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސް އަދި ނޭވާ ހިއްލުން ފަދަ އެލާޖީގެ ބަލިތަކަށް ބޭނުން ކުރާ ބޭސްތައް ހިމެނެއެވެ.

ބަންގްލަދޭޝްއިން 2.2 މިލިއަން ޑޮލަރުގެ ބޭހުގެ މިއެހީ ފޯރުކޮށްދީފައި މިވަނީ އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމަށް އެދި ސްރީލަންކާއިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އަވަށްޓެރި ގައުމުތަކުން ދޭ ކޮންމެ އެހީއެއްވެސް ސްރީލަންކާއަށް މިވަގުތު ބޭނުންކަމަށް ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ސްރީލަންކާއަށް ދިން ބޭހުގެ ޝިޕްމަންޓާ ހަވާލުވީ ސްރީލަންކާގެ ސިއްހަތާބެހޭ ވަޒީރު ކެހޭލިޔާ ރަމްބުކްވެއްލާއެވެ. މިޝިޕްމަންޓް ހަވާލުކޮށްދެއްވީ ކޮލަންބޯގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު ތޯރިގު އާރިފުލް އިސްލާމްއެވެ.

މި އެހީ ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ތޯރިގުވަނީ ސްރީލަންކާއަށް ބޭނުންވާ އިތުރު އެހީތައް ދިނުމުގައި ބަންގްލަދޭޝް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. ކެހޭލިޔާ ވަނީ ބަންގްލަދޭޝްގެ މިއެހީއަށް ޝުކުރު އަދާކުރައްވައި ސްރީލަންކާއާއި ބަންގްލަދޭޝްއާ ދެމެދުގައިވާ އަވަށްޓެރި ކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޖަޕާނުންވެސް ދާދިފަހުންވަނީ ސްރީލަންކާއަށް ބޭހާއި ސިއްހަތާބެހޭ ބައެއް ތަކެތި ހަދިޔާކޮށްފައެވެ. މީގެ އިތުރުން ވެސް ޖަޕާނުން ގެންދަނީ މެދުކެނޑުމެއްނެތި ސްރީލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންމެ ގާތް އަވަށްޓެރި ގައުމުތަކަށް ބަލާއިރު ސްރީލަންކާއަށް އެންމެ ބޮޑަށް އެހީތެރި ވަނީ އިންޑިއާއިންނެވެ. ދުރު އަވަށްޓެރިންނަށް ބަލާއިރު ޗައިނާއިންނެވެ. ކޮވިޑް-19ގެ ދުވަސްވަރު ސްރީލަންކާއަށް އެގައުމުގެ އިގްތިސާދު މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން އެގައުމު ވަނީ އިގްތިސާދީ ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މި ތަދުމަޑުކަމުގައި ސްރީލަންކާއަށް ވަނީ ކާބޯތަކެއްޗާއި ތެލުގެ އިތުރުން ބޭހުގެ ދަތިކަންވެސް ފޯރާފައެވެ.

comment ކޮމެންޓް