ކެންދޫ ފަޅުގައި އޮތް އުޅަނދުތަކެއްގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށް

ބ. ކެންދޫގައި ފަޅުގައި އޮތް އުނޅަދެއްގައި ރޯކޮށްލާފައި: އެރަށު ފަޅުގައި އަޅާފައި އޮތް ތިން އުޅަނދުގައި ރޯކޮށްލީ އަބްދުއްސަލާމްކަން ވަނީ ސާބިތުވެފައި -- ފޮޓޯ/ ކިޔުންތެރިއެއް

މީގެ ހަތް އަހަރުކުރިން ބ. ކެނދޫ ފަޅުގައި އަޅާފައި އޮތް ތިން އުޅަނދެއްގައި ރޯކޮށްލި މައްސަލައިގައި އެރަށު މޯނިންހައުސް، ޢަބްދުއްސަލާމް ޔޫސުފްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ އޭނާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި އަބްދުއްސަލާމްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާއެވެ. އެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ އެޕްރީލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކެންދޫ ފަޅުތެރޭ އަޅާފައި އޮތް ދެ މަސްދޯންޏާއި ލޯންޗެއްގައި ރޯކޮށްލި މައްސަލާގައެވެ.

އަބްދުއްސަލާމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީން ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ހެކިބަސް ދިން މީހަކު ބުނީ ހެކި އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން "ބަޔަކަށް ގެއްލުން ދޭން ޖަރީމާއެއް ހިންގާނެ ވާހަކަ" އޭނާގާތު އަބްދުއްސަލާމް ބުނެފައިވާކަމަށެވެ. އަދި އެ ހާދިސާ ހިނގިރޭ 01:15 ހާއިރު އެ ސަރަހައްދުން އަބްދުއްސަލާމާ ދިމާވިކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އަބްދުއްސަލާމްގެ ކުރީގެ އަނބިމީހާ ވެސް ވަނީ އޭނައާ ދެކޮޅަށް ހެކިބަސް ދީފައެވެ. ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ ހާދިސާ ހިނގުމުގެ ދެ ދުވަސް ކުރިން ކޯޓު މެދުވެރިކޮށް އަބްދުއްސަލާމް ގާތުން ވަރިވުމުން އެކިކަހަލަ އިންޒާރުތައް އޭނާއަށް ދިންކަމަށެވެ. އެގޮތުން "ކަލޭ މީހަކާ އިނަ ނުދޭނަމޭ، ދުވަސް ދުއްވާލާނަމޭ، ރަނގަޅު ވަރުގަދަ ބޮނޑިއެއް ދޭނަމޭ" ބުނިކަމަށް ހެކިބަސްދެމުން އޭނާ ބުންޏެވެ.

އެ ހާދިސާގައި އެ އަންހެންމީހާގެ އާއިލާ މީހަކަށް ނިސްބަތްވާ މަސް ދޯންޏަކާއި އާއިލާ މީހަކަށް ނިސްބަތްވާ ލޯންޗެއް އަންދާލާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހާދިސާ ހިނގުމުގެ ދެ ގަޑިއިރެއްހާ އިރުކުރިން ކެންދޫ ބަނދަރު ސަރަހައްދުގައި އަބްދުއްސަލާމް ހުއްޓާ ފެނުނު ކަމަށް ދެ މީހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި އޭރު އޭނާގެ ފަޔަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ ހާދިސާއަށްފަހު އަބްދުއްސަލާމްގެ ފައި ފިހިފައި ހުއްޓާ ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ތަހުގީގުން ސުވާލުކުރުމުން އަބްދުއްސަލާމް ބުނެފައި ވަނީ އެއީ ހޫނު ތެޔޮ ތާހެއް ބަނޑުނެ ވެގެން ވީ ކަމެއް ކަމަށެވެ.

ހޫނު ތެޔޮ ތާހެއް އެޅިގެން ފައިގެ އިސްތަށިތައް ނާނދާނެކަމާއި އިސްތަށިތައް އަނދާނީ ފެޓްރޯލް އެޅިގެންކަން ހެކީންގެ ހެކިބަހުންނާއި ބުއްދީގެ ހަމަތަކުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހުކުމްގައި ވާގޮތުން ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ތެޔޮ ގުދަނުގެ ދޮރުގައި އަޅުވާފައި އޮތް ޗޭނުގަނޑު ތޫނު އެއްޗަކުން ބުރިކޮށްފައިވެއެވެ. އެ ޗޭނުގަނޑުގައި ހުރި ކެނޑުންތަކުގެ މިނާއި އަބްދުއްސަލާމްގެ ގެއިން ފެނުނު ބޯލްޓް ކަޓަރެއްގެ މިނާ އެއްވަރުވާކަމަށް ހުކުމުގައި ވެއެވެ.

ތެޔޮ ގުދަނުން ހެކީގެ ގޮތުގައި އޮރެންޖު ކުލައިގެ ވާކޮޅު ހުރި ޖޫސްޕެޓީ ކޮތަޅެއް ނަގާފައިވެއެވެ. އޭގެ ކޮތަޅު ބޮނޑިއެއް އަބްދުއްސަލާމްގެ ގެ ބަލައި ފާސްކުރިއިރު ފެނިފައިވާ ކަމަށް ހުކުމްގައިވެއެވެ. އަދި އެބާވަތުގެ ކޮތަޅަކީ އެރަށު އެއްވެސް ފިހާރައަކުން ލިބެން ނެތް އެއްޗެއްކަމަށް ތަހުގީގުކުރި ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިޔަސް އަދަބު ކަނޑައަޅާފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އޭނާ ކުރި ކުށް ފެތެނީ މުދަލަށް ގެއްލުން ދިނުމަށެވެ.

މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމް ގާނޫނު ބުނާގޮތުން ހުޅުޖެހުން ޓެރަރިޒަމްގެ އަމަލަކަށް ވަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި ހުޅުޖެހުމުންނެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ތަހުގީގު މަރުހަލާގައި އަބްދުއްސަލާމް ބަންދުގައި ހޭދަކުރި 38 ދުވަހުގެ މުއްދަތު ހުކުމުން އުނިކުރުމުން، އޭނާ އިތުރަށް ޖަލުގައި ހޭދަކުރަން ޖެހޭނީ ދެ އަހަރާއި އަށް މަހާއި ދިހަ ދުވަހެވެ.

comment ކޮމެންޓް