އައްބާސް އާދިލް ރިޒާ ގެއްލިއްޖެ، ޝަރީއަތް ފެށޭ ގޮތެއް ނުވި

އައްބާސް އާދިލް ރިޒާ: އޭނާ އުޅޭ ތަނެއް ނޭންގުމުގެ ސަބަބުން ވަނީ ޝަރީއަތް ހުއްޓިފައި ---

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާ އުޅޭ ތަނެއް ފުލުހުންނަށް ވެސް ހޯދިފައި ނުވާތީ މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލްކުރީ މާޗު މަހުގެ ފަސް ވަނަ ދުވަހައެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އައްބާސްއަށް ޗިޓް ރައްދު ކުރެވިފައިނުވާތީ ކަމަށް އޭރު ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އަދި މިދިޔަ މަހުގެ ފަސް ވަނަ ދުވަހަށް ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ ޗިޓް ރައްދު ކުރެވިފައިނުވާތީއެވެ.

މިއަދު ހެނދުނު 10:00 ޖަހާއިރަށް ވެސް އޮތީ އައްބާސް އާދިލް ރިޒާގެ މައްސަލަ ތާވަލްކޮށްފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ, އައްބާސް އާދިލް ރިޒާގެ މައްސަލަ ކެންސަލްކުރީ ފުލުހުންނަށް އޭނާ ފެނިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން ބެލެވޭ ގޮތުން ފުލުހުން އޭނާ ހޯދުމަށް ފޮޓޯ އާންމު ކުރާނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އައްބާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައިވާތީ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހައި އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ކްލަބް ހައުސް" ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް