ޓޫރިޒަމް ފައްކާ ކުރަން، ފުނަދޫއަށް ފަރުކޮޅު މުހިންމުވެފައި

ގުދުރަތީ ރީތި ރަށްތަކެއްގެ މައްޗަށް އެކުލެވިގެން އުފެދިފައިވާ މި ރާއްޖޭގެ ރީތިކަމުގެ ވާހަކައަކީ ދިވެހިންނަށް ނުވަތަ މުޅި ދުނިޔެއަށް ވެސް އާ ވާހަކަތަކެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ރާއްޖޭގެ ފަޅު ރަށްރަށުގެ ރީތިކަމުގެ ވާހަކަ ދައްކާ ހުސްނުވާނެއެވެ. އެ ގުދުރަތީ މާހައުލުތަކުގައި މީހުން ދިރިނޫޅުމުގެ ނަތީޖާއަކީ މީހުން ދިރިއުޅޭ ރަށްރަށާ އަޅާބަލާއިރު ރަށްތައް އިތުރަށް ސާފުތާހިރުވުމެވެ. ގުދުރަތީ މަންޒަރުތައް އިތުރުވުމެވެ. މިފަދަ އެއް ރަށަކީ މިލަދުންމަޑުލު އުތުރުބުރީގައި އޮންނަ ފަރުކޮޅެވެ. އެރަށަކީ ށ. ފުނަދޫގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި ފުނަދުއަށް ހަމަ ރަންގަނޑެކެވެ.

ފަރުކޮޅަކީ ފުނަދޫގެ އިހުތިޞާސުގެ ތެރޭގައިވާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެވަނަ ގަރާރުގައެވެ. އެގޮތަށް އެކަން ފާސްކުރެއްވި ނަމަވެސް ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ. ވުމާއެކު އެއީ އެންވަޔަރަމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށެކެވެ. އެ މިނިސްޓްރީން އެ ރަށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ށ. އަތޮޅުގެ އަތޮޅު ކައުންސިލާއެވެ. ގުދުރަތީ އެތަކެއް ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ފަރުކޮޅުގައި ލޯކަލް ޓުއަރިޒަމް ހިންގައި އެކަން ކުރިއެރުވުމަށް އެންމެ ބޭނުންވާ ބައެއްގެ ގޮތުގައި ފާހަގަކުރެވެނީ ފުނަދޫ ރައްޔިތުންނެވެ.

ށ. ފަރުކޮޅު: އެރަށުގައި ލޯކަލް ޓުއަރިޒަމް ހިންގަން ފުނަދޫ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން --- ސަން ފޮޓޯ/ އަލީ ޝާމިން

ށ. ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅު ވިދާޅުވިގޮތުގައި، ފަރުކޮޅަކީ ފުނަދޫގެ އިހުތިޞާސުގައިވާ ވަރަށް މުހިންމު އެސެޓެކެވެ. ނަމަވެސް ފަރުކޮޅަކީ ހިމާޔާތް ކޮށްފައިވާ ރަށަކަށް ވާތީ އެ ރަށް ފުނަދޫގެ ބެލުމުގެ ދަށަށް މުޅިން ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު އިބްރާހީމްފުޅު ދެކިލައްވާ ގޮތުގައި ފަރުކޮޅު އެއްކޮށް ފުނަދޫގެ ބެލުމުގެ ދަށަށް ގެންދެވިއްޖެ ނަމަ ލޯކަލް ޓުއަރިޒަމްވެސް ތަޢާރަފް ކުރެވޭނެއެވެ. މިހާރުވެސް ރައްޔިތުންގެ އާދަކާދައާއި ވައްޓަފާޅި ހުރި ގޮތް ފަތުރުވެރިންނަށް ދެއްކޭނެއެވެ.

ފުނަދޫ ކައުންސިލުގެ ވިސްނުން ހުރީ، ފަރުކޮޅު އެ ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވިއްޖެ ނަމަ، އެރަށުގައި ގެސްޓް ހައުސްތަކެއް ބިނާ ކޮށްގެން، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދިނުމެވެ.

"ފަރުކޮޅަކީ ފުނަދޫގެ އިހުތިޞާސުގެ ތެރޭގައިވާ ރަށެއް. އެހެންނަމަވެސް ހިމާޔަތް ކުރެވިފައިވާ ރަށަކަށް ފަރުކޮޅުވާތީ، އެއްކޮށް ފުނަދޫގެ ބެލުމުގެ ދަށަށް ފަރުކޮޅު ބަދަލު ކޮށްދިނުމަށް ރައީސް އޮފީހަށާއި އެންވަޔަރަމެންޓް މިނިސްޓްރީއަށް ވަނީ ދަންނަވާފަ،" އަޙްމަދު ވިދާޅުވިއެވެ.

ނަމަވެސް އަދި އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

ށ. ފަރުކޮޅު: އެރަށުގައި ލޯކަލް ޓުއަރިޒަމް ހިންގަން ފުނަދޫ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ފަރުކޮޅުގެ ގުދުރަތީ ރީތިކަމާއި އެ ރަށުގައިވާ ތަފާތު މާހައުލުގެ ސަބަބުން އެ ރަށުގައި ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތަކެއްވެއެވެ. އެ ރަށުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ރަށް ކައިރީގައި އުޅޭ މަޑިތަކާއި މިޔަރުތަކުގެ އަދަދު ކަމަށް ފުނަދޫ މީހުން ބުނެއެވެ.

ނަމަވެސް އެ ރަށުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބައެއް މީހުން އަމަލުކުރަމުންދާ ކަމުގެ ކަންބޮޑުވުން ފުނަދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަރުކޮޅުން ހުދުވެއްޔާއި ކަޅުވެލި ނެގުމުގެ ޝަކުވާތައް ހިމެނެއެވެ.

އެފަދަ ކަންތައްތައް ކުރަނީ ހަމައެކަނި ފުނަދޫ ރައްޔިތުން ނޫން ކަމަށާއި، ކައިރި އެހެން ރަށްރަށުގެ މީހުންވެސް މިކަހަލަ ނޭދެވޭ ކަންކަން ކުރާކަމަށް ކައުންސިލުން ތުހުމަތުކުރެއެވެ.

އަޙްމަދު ވިދާޅުވީ އެފަދަ ހުރިހާ މައްސަލަތައް ބަލައި، އެކަން ކުރާ ރައްޔިތުންނާ ވާހަކަދައްކައި ނަސޭހަތްވެސް ދީފައިވާނެ ކަމަށެވެ.

ށ. ފަރުކޮޅު: އެރަށުގައި ލޯކަލް ޓުއަރިޒަމް ހިންގަން ފުނަދޫ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

"މައްސަލައެއް ކައުންސިލާ ހަމައަށް އަންނަ ކޮންމެ ފަހަރަކު އެކަމަށް އެޓެންޑުވަން. އަދި އެކަން ކުރި ފަރާތްތަކަށް ނަސޭހަތްވެސް ދެން. އަޅުގަނޑުމެންނަށް އިތުރު ފިޔަވަޅެއް އެޅުމުގެ ބާރެއް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ލާމަރުކަޒީ ގޮތުން ލިބިދޭ ބާރުތައް އެންމެ ރަނގަޅު ގޮތުގައި ކައުންސިލުތަކަށް ހިފޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށް އަޙްމަދު ފާހަގަކުރައްވައެވެ. އަދި އެކަން އެގޮތަށް ކޮށްދިނުމަށް ސަރުކާރަށް އިލްތިމާސް ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަކީ ރައްޔިތުންނާ އެންމެ ގާތުގައި ތިބޭ ފަރާތްތައް ކަމުން، މިފަދަ ބާރުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ގޮތް އޮންނަންވާނެ ކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ.

"ރައްޔިތުންނާ އެންމެ ގާތުގައި މިތިބެނީ އަޅުގަނޑުމެން. އެހެންނަމަވެސް ބާރުތައް ބޭނުންކުރުމުގެ އެކަށީގެންވާ ބާރު ކައުންސިލުތަކަށް ނެތުމަކީ އުނދަގޫތަކެއް ކުރިމަތިވާ ކަމެއް،" އަޙްމަދު ވިދާޅުވިއެވެ.

ށ. ފަރުކޮޅު: އެރަށުގައި ލޯކަލް ޓުއަރިޒަމް ހިންގަން ފުނަދޫ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ފަރުކޮޅު ފަދަ ރަށްރަށަކީ އެ ރަށްރަށުގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ރަށްރަށެވެ. އަދި ލޯކަލް ޓުއަރިޒަމް ތަޢާރަފްކޮށް ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އިތުރު މަގުތައް ވެސް ފަހިވާނެ ގޮތެކެވެ. ށ. ފުނަދޫގެ އިހުތިޞާސްގެ ތެރޭގައިވާ މުހިންމު އެސެޓެއްގެ ގޮތުގައި ފަރުކޮޅު އެ މީހުން ސިފަ ކުރަނީ މި ސަބަބަށްޓަކައެވެ.

comment ކޮމެންޓް