ހިފާފައިވާ ގުދްސު (30 މޭ 2022): މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށްޓަކައި ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ ޒަޔަނިސްޓުންގެ އެތައްއެތައް ހާސް ބަޔަކު އެ މިސްކިތަށް ވަދެގެންފިއެވެ.
ހައްދު ފަހަނަޅާފައިވާ ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގެންފައިވަނީ އެކަން ކުރާނެކަމުގެ އިންޒާރުތައް ކުރިން ދިނުމަށްފަހު ދުރާލައި ރާވައިގެންނެވެ. އަޤްޞާ މިސްކިތަށް ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބައިގަނޑު ވަދެގެންފައިވަނީ 1967ގެ އަރަބި އިސްރާއީލު ހަނގުރާމައިގައި އިސްރާއީލުން އެމިސްކިތަށާއި އެމިސްކިތް ހިމެނޭ އިރުމަތީ ގުދްސަށް އިސްރާއީލު ވެރިވެގަތް އަހަރީ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.
މިއީ ކޮންމެ އަހަރަކުވެސް ޒަޔަނިސްޓުންގެ ޔަހޫދީ ބައިގަނޑު ކުރަމުން ގެންދާ ކަމެކެވެ. އިސްރާއީލު ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ޔަހޫދީންގެ ބައިގަނޑު އަޤްޞާގެ ހަރަމްފުޅަށާއި އެމިސްކިތަށް ވަދެގަނެ އިސްރާއީލުގެ ދިދަ ވިހުރުވައި ލަވަ ކިޔައި ނެށުމާއި ޔަހޫދީންގެ ބާތިލް އަގީދާއާ ގުޅޭ އަޅުކަމުގެ އަމަލުތައް ހިންގުމުގެ އިތުރުން އެމީހުން ވަނީ އަޤްޞާ މިސްކިތުގެ ހިމާޔަތުގައި ތިބި ފަލަސްތީނުގެ މުރާބިތުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.
އަރަބި އިސްރާއީލުގެ ހަނގުރާމައިގެ ތެރޭގައި، 1967 އަހަރު އިސްރާއީލުން އަޤްޞާ މިސްކިތްހިފައި އެތަނަށް ވެރިވެގަތް ނަމަވެސް އޭރު އަޤްޞާގެ ހިމާޔަތުގައި އަރަބި ގައުމުތައް އެއްގަލަކަށް އަރައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސަބަބުން އިސްރާއީލުވަނީ އަޤްޞާ މިސްކިތުގައި އަޅުކަންކުރުން ޔަހޫދީންނަށް މަނާކޮށް އަޤްޞާ މިސްކިތް ބަލަހައްޓާ ފަރާތަކީ އުރުދުން ކަމުގައި ހަމަޖައްސާފައެވެ.
ނަމަވެސް މިހާރު ބައެއް އަރަބި ގައުމުތަކުން އަޤްޞާއާ އަޅާނުލައި އެއީ މައްސަލައަކަށް ނުހަދައި އިސްރާއީލާ ގާތްވެ އަދި މިސްރާއި އުރުދުން ޔޫއޭއީއާއި ބަހްރައިން އަދި މަޣްރިބު ފަދަ ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ ގުޅުންތައް އުފައްދައި ސައޫދީ ފަދަ ގައުމުތަކުންވެސް އަޤްޞާގެ ހިމާޔަތުގައި މާބޮޑު މަސައްކަތެއް ނުކުރުމާއި ސޫރިޔާ އާއި ލީބިޔާފަދަ ގައުމުތައް ދާޚިލީ ހަނގުރާމަތަކުގައި ހަލާކުވެފައިވާތީ އިސްރާއީލުވަނީ ކުރިން މަނާކުރި ހުރިހާ ކަމެއް ޔަހޫދީންނަށް ހުއްދަކޮށް އަޤްޞާގެ ހުރުމަތް ކަނޑައި އެތަނުގައި އަޅުކަން ކުރުމުގެ ފުރުސަތު ޔަހޫދީންނަށް ދީފައެވެ.
އިސްރާއީލަށް އިއުތިރާފުވެ ގާތްގުޅުންތަކެއް އުފައްދާފައިވާ ގަލްފުގެ ކުޑަ އަރަބި ގައުމެއް ކަމަށްވާ ބަހްރައިންއިންވަނީ އަޤްޞާއަކީ އެގައުމާ ބެހޭ މައްސަލައެެއް ނޫންކަމަށްވެސް ބުނެފައެވެ.
މިހާރު އަޤްޞާގެ ހިމާޔަތުގައި މަސައްކަތް ކުރަނީ ފަލަސްތީނުގެ އާދައިގެ ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އާއި އިސްލާމިކް ޖިހާދާއި ފަތުހު ޖަމާއަތްފަދަ ޖަމާއަތްތަކެވެ. އެޖަމާއަތްތަކުން ވަނީ އަޤްޞާގެ ހިމާޔަތުގައި މިދިޔައަހަރު އިސްރާއީލާ ދެކޮޅަށް ހަނގުރާމަވެސް ކޮށްފައެވެ. އަދި މިހާރުވެސް އެޖަމާއަތްތަކުން ގެންދަނީ އަޤްޞާގެ ހިމާޔަތުގައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
އިސްރާއީލުވަނީ އަޤްޞާގެ ހިމާޔަތުގައި އެތަނުގައި ޔަހޫދީ ބައިގަނޑުތަކާ ކުރިމަތިލި ފަލަސްތީނުގެ އެތައް ބަޔަކަށް ލަޓިބުރިންނާއި ކަރުނަ ގޭހުން ހަމަލާދީ ޒަޚަމްކޮށް އަދި އެތަށް ބަޔަކު ހައްޔަރުކޮށްފައެވެ.
ފާއިތުވި މަސްތަކުގައިވެސް އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ތިބެ ޔަހޫދީ ހަރުކަށި ބައިގަނޑުތައްވަނީ އަޤްޞާ މިސްކިތުގެ ތެރެއަށް ވަދެގަނެ އެތަނުގެ ހުރުމަތް ކަނޑައި ލަވަކިޔައި ނަށައި ފަލަސްތީނުގެ މުރާބިތުންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުން ތަކެއް ހިންގައިފައެވެ.
އަދި ޔަހޫދީންގެ ހިމާޔަތުގައި އިސްރާއީލުގެ ސިފައިންނާއި ފުލުހުންވެސްވަނީ އެމިސްކިތުގައި ނަމާދުކުރަން ތިބޭ ފަލަސްތީނު މީހުންނަށް ތަކުރާރުކޮށް ހަމަލާދީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
ރައްދުގައި ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދީފައެވެ. މިފަހަރުވެސް ހަމާސްއާއި އެނޫން ޖަމާއަތްތަކުންނާއި ފަލަސްތީނުގެ އާންމުން ގެންދަނީ އަޤްޞާގެ ހިމާޔަތުގައި ތެދުވަމުންނެވެ.