މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގައި މިރޭ ކުޅުނު ގުރޫޕް ބީގެ މެޗުތަކުން ސަސްޕަޓިސް އަދި ބްލަޑްޒް މޮޅުވެއްޖެއެވެ.
މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނީ ސަސްޕަޓިސް އަދި ޗިކޯސް އެފްސީ ބައްދަލުކުރި މެޗެވެ. އެ މެޗު ސަސްޕަޓިސް ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގެ ސަސްޕަޓިސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޙަސަން އަބްދުއްސަމަދުގެ އިތުރުން މުޙައްމަދު ޝަބީން އާދަމްއެވެ. އެ މެޗުގައި ޝަބީން ވަނީ ތިން ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެ ތިން ގޯލާއެކު އޭނާ ވަނީ އެ މުބާރާތުގައި ފަސް ގޯލު ޖަހައިފައެވެ.
މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިންވެޑާސް އާއި ބްލަޑްޒްއެވެ. އެ މެޗު ފަސޭހަކަމާއެކު 0-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްލަޑްޒް އިންނެވެ.
އެ މެޗުގައި ބްލަޑްޒްގެ އަޔާޒް އަަޙްމަދު ވަނީ ތިން ގޯލު ޖަހާފައެވެ. އަދި އަލީ ހާފިޒް ދެ ގޯލު ޖެހިއިރު މުޙައްމަދު އަނާން އަދި މުޙައްމަދު ޒިދާން ވަނީ ގޯލެއް ޖަހާދީފައެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗުގެ ހެޓްރިކް ފުރިހަމަ ކުރި އަޔާޒުއެވެ.
މިރޭ ކުޅުނު ދެ މެޗުގެ ނަތީޖާ ނިކުތް ގޮތުން ސަސް އޮތީ ތާވަލްގެ އެއްވަނައިގައި ދެ މެޗު ކުޅެގެން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ ދެވަނައިގައި ބްލަޑްޒް އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ.
މާދާމާ ރޭ ވެސް އެ މުބާރާތުގެ މެޗުތައް ވަނީ ކުޅެން ހަމަޖެހިފައެވެ. ގުރޫޕް އޭގެ އެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައ ބައްދަލުކުރާނީ މެޖިސްޓާ އާއި މަފާއެވެ. އަދި ދެވަނަ މެޗުގައި އެކްސީޑް އާއި ޔުނައިޓެޑް އެފްސީ ވާދަކުރާނެއެވެ.