ޔުނައިޓެޑް އެފްސީ މަފާ ބަލިކުރިއިރު މަނަދޫ ފުޓުބޯޅަ ޓީމު އެކްސީޑު އަތުން ވީ ބަލި

މަނަދޫ ފުޓުބޯޅަ ޓީމާއި އެކްސީޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓު

މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގައި މިއަދު ހަވީރު ކުޅުނު ގުރޫޕް އޭގެ މެޗުތަކުން ޔުނައިޓެޑް އެފްސީ އަދި އެކްސީޑް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނީ ޔުނައީޓެޑް އެފްސީ އަދި މަފާ ބައްދަލު ކުރިމެޗެވެ. އެ މެޗު ޔުނައިޓެޑް އެފްސީ އިން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް އެފްސީން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ފަރީދުގެ އިތުރުން ޢަބްދުﷲ ޝަމީމެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މަފާއިން ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކޮޑަކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ މުޙައްމަދު ޝާހުއެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް އެފްސީއިން ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުގެ މުޙައްމަދު މައުރޫފް އަދި ފަރީދު ޖަހައިދިން ގޯލުތަކެކެވެ. އެ ހާފުގައި މަފާގެ މުޙައްމަދު އިރުޝާދު ވަނީ މަފާގެ ދެވަނަ ގޯލު ޖަހައި ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ.

މިއަދު ހަވީރުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަނަދޫ ފުޓުބޯޅަ ޓީމާއި އެކްސީޑެވެ. އެ މެޗު އެކްސީޑުން ކާމިޔާބުކުރީ 3-5 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. އެ ޓީމަށް އެ ގޯލު ކާމިޔާބު ކޮށްދިނީ އަބްދުﷲ ރިމާހުއެވެ. ނަމަވެސް މަނަދޫ ފުޓުބޯޅަ ޓީމުގެ މުޙައްމަދު ޖޫދު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

އެކްސީޑުގެ ރިމާހު ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިދީ މެޗުގެ ލީޑު އަނެއްކާ ވެސް އެ ޓީމަށް ނަގައިދީފައެވެ. މެޗުގެ ދެވަނަ ހާފުގައި އެކްސީޑުގެ މުޙައްމަދު ޔާސިރު އެ ޓީމުގެ ތިން ވަނަ ގޯލުޖަހައިދިން އިރު އަލީ އިބްރާހީމް ދީދީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހާފައެވެ. ޔުނައިޓެޑް އެފްސީގެ ފަހު ގޯލު އަލީ އަކްޝަމް ޖަހައިދީފައިވާއިރު ރައުފަތު އަބޫބަކުރު އަދި އިބްރާހީމް މޫނިސް ވަނީ މަނަދޫ ފުޓުބޯޅަ ޓީމަށް ގޯލު ޖަހައިދީފައެވެ.

comment ކޮމެންޓް