މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ މިރޭ ކުޅުމު މެޗުތަކުން މެޖިސްޓާ އަދި މަފާ މޮޅުވެއްޖެއެވެ.
މިއަދު ހަވީރު މިލަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނީ މެޖިސްޓާ އަދި މަނަދޫ ފުޓުބޯޅަ ޓީމު ބައްދަލު ކުރިމެޗެވެ. އެ މެޗު މެގިސްޓާ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން މެޖިސްޓާއިން މަނަދޫ ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ރޭގެ މެޗުން މެޖިސްޓާ ބަލިވި ނަމަވެސް މިރޭ އެ ޓީމު ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
އެގޮތުން މިރޭ އެ ޓީމު ވަނީ މަނަދޫ ކޮޅަށް ތިން ގޯލު ޖަހައިފައެވެ. މިރޭ އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އަޖުވަދުގެ އިތުރުން މުޙައްމަދު ތޯހިރުއެވެ. އަދި އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދިނީ އިބްރާހީމް ޝިމާހުއެވެ.
މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަފާ އާއި އެކްސީޑެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަފާއެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މަފާއިން ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މުޙައްމަދު އިރުޝާދުއެވެ.
މެޗުގެ ދެވަނަ ހާފުގައި އެކްސީޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެކްސީޑުގެ މުޙައްމަދު ޔާސިރުއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އިރުޝާދު އަނެއްކާ ގޯލެއްޖަހައިދީ މަފާއަށް ވަނީ އަލުން ލީޑުނަގައިދީފައެވެ.
އެ ނަތީޖާއާކު މިރޭގެ ފުރަތަމަ މެޗުން މޮޅުވި މެގިސްޓާއަށް ލިބިފައިވަނީ ގުރޫޕް އޭގެ ތާވަލުގެ ދެ ވަނައެވެ. އަދި ދެވަނަ މެޗުން މޮޅުވި މަފާއަށް ލިބިފައިވަނީ ތާވަލުގެ ހަތަރު ވަނައެވެ. މީގެއިތުރުން ފުރަތަމަ މެޗުން ބަލިވި މަގޫދޫ ފުޓުބޯޅަ ޓީމު ތާވަލުގެ ހަތަރު ވަނައިގައި އޮތްއިރު އެކްސީޑް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އަދި އެ ގުރޫޕްގެ އެއްވަނައިގައި އޮތީ ޔުނައިޓެޑް އެފްސީއެވެ.
އީއެލްއޭ ފުޓްސަލް ޗެލެންޖު 2022 ގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ މަފާ އާއި ޔުނައިޓެޑް އެފްސީގެ އިތުރުން މަނަދޫ ފުޓުބޯޅަ ޓީމާއި އެކްސީޑެވެ.