އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލުތަަކަށް ދޭން ނިންމައިފި

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ކުލި އަތޮޅު ކައުންސިލުތަކަށް އެއްކޮށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ ވިޔަވަތި ކޮންފަރެންސް ގައި ރައީސް އެކަން އިއުލާނުކުރެއްވީ ކައުންސިލުތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގެ ހައްލާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލުތަކަށް ލިބޭގޮތަށް ހެދުމަށް ހުށަހެޅީ ކައުންސިލްތަކުންނެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އަތޮޅު ފިހާރަތައް މާލޭގައި ގާއިމު ކުރެއްވީ އަތޮޅުތައް ހިންގުމަށް އާމްދަނީ ހޯދޭނެ މަގެއްގެ ގޮތުންނެވެ. އޭރު އެ ފިހާރަތައް ހިންގަމުން ދިޔައީ އަތޮޅުތަކުން ގެންނަ މުދާ މާލެއަށް ވިއްކައިގެން އާމްދަނީ ހޯދާ ގޮތަށެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އެ ފިހާރަތައް ހިންގަމުން އައި ގޮތް ބަދަލުކުރައްވާ، އެ ފިހާރަތަކުގެ ކުލި އަތޮޅު އޮފީސްތަކަށް ލިބޭނޭ ގޮތް ހެއްދެވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ލޯކަލް ކައުންސިލްތައް އެކުލަވާލެވުނު ފަހުން އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލުތަކަށް ލިބުން ހުއްޓުނެވެ. ނަމަވެސް، 2012 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލުތަކަށް ދޫކުރަން ފެށިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އަތޮޅު ފިހާރަތަކާ މެދު ގެންގުޅުއްވި ސިޔާސަތަކީ އެ ސަރަހައްދު އެއްކޮށް ސަރުކާރަށް ނަގައި، އަލުން ފަރުމާކޮށް ތަރައްގީ ކުރެއްވުމެވެ. ނަމަވެސް، އެމަނިކުފާނުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒު ވާގޮތް ވަނީ ނުވެފައެވެ.

މި ސަރުކާރު ފެށުނު ފަހުން ވަނީ 2018ވަނަ އަހަރާ ހަމައަށް ނުދެއްކި ހުރި ކުލީގެ 50 އިންސައްތަ ކައުންސިލުތަކަށް ދޫކޮށްފައެވެ.

އަތޮޅު ފިހާރަތަކުގެ ކުލީގެ މައްސަލައިގައި، ކުލީގެ އަދަދާ ބެހޭ ގޮތުން ކައުންސިލުތަކަށް މައުލޫމާތު ލިބިފައި ނުވުމާއި، އެ ފައިސާ އެއްކޮށް ކައުންސިލުތަކަށް ނުލިބުމަކީ ކައުންސިލުތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

comment ކޮމެންޓް