ފައިސާ ދޫކުރުން ލަސްވަނީ ކައުންސިލްތަކުން ޚަރަދު ރިޕޯޓް އަޕްޑޭޓްނުކުރާތީ: އެލްޖީއޭ

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މަރްޔަމް ޒުލްފާ -- ފޮޓޯ/ އެލްޖީއޭ

ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓުގެ ފައިސާ ދޫކުރުން ލަަސްވަނީ ފިނޭންސް މިނިސްޓްރީން ފޮނުވާ ފައިސާގެ ޚަރަދު ރިޕޯޓް ކައުންސިލްތަކުން އަޕްޑޭޓު ނުކުރާތީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ބުނެފިއެވެ.

ބްލޮކް ގްރާންޓުގެ ފައިސާ ލިބުން ދަތިވާ ކަމަށް ބުނެ، ވ. އަތޮޅުގެ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އެ ފައިސާ ފޮނުވަނީ މަހުން މަހަށް ކަމަށެވެ. އެގޮތުން، ކޮންމެ މަހަކު ވެސް ފޮނުވާ ފައިސާ ޚަރަދުކުރުމަށް ފަހު، އެ ކައުންސިލްތަކުގެ ފައިނޭންސް ބަލަހައްޓާ ސިސްޓަމްގެ ތެރެއިން އެ މަހެއްގެ ޚަރަދު ރިޕޯޓް އަޕްޑޭޓް ކުރަންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އެ ރިޕޯޓުތައް ބަލާނެކަން ފާހަގަކޯށް އެލްޖީއޭއިން ބުނީ އެ މަހަކަށް ދޫކޮށްފައި ހުރި ފައިސާ ކައުންސިލްތަކުން ބޭނުންކޮށްފައި ހުރިތޯ އަދި ބޭނުންކޮށްފައި ހުރި މިންވަރު ބަލަންޖެހޭނެ ކަމަށެވެ. އަދި، އެ ރިޕޯޓުތައް އަޕްޑޭޓުނުކުރާ ނަމަ، އެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ހިފަހައްޓާނެ ކަމަށް އެލްޖީއޭގެ އޮފިޝަލު ވިދާޅުވިއެވެ.

"ބައެއް ފަހަރަށް ބައެއް ކައުންސިލްތަކުން ހުރޭ ސިސްޓަމްތައް އަޕްޑޭޓުނުކޮށް. އެ ކަހަލަ އިޝޫސްތައް ހުންނަ ކަމަށް ވަންޏާމުން ސިސްޓަމް ތެރެއިން ޚަރަދު ރިޕޯޓްތައް އަޕްޑޭޓުނުކޮށް ހުންނަ ނަމަ، ބައެއް ފަހަރަށް ކައުންސިލްތަކުގެ ބޮލްކް ގްރާންޓު ހިފަހައްޓާ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/191957

މީގެ އިތުރުން، ބްލޮކް ގްރާންޓުގެ ގޮތުގައި އެ ކައުންސިލަކަށް ފޮނުވާ ފައިސާ ދޫކުރާނީ އެ މަހެއްގެ ޚަރަދު ރިޕޯޓް އަޕްޑޭޓްކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި އުސޫލަކީ އެންމެ ކުރިން ވެސް ޢަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ. އަދި، ޚަރަދު ރިޕޯޓްތައް އަޕްލޯޑު ކުރާ ފަހުން އެ މަހެއްގެ ގްރާންޓު ޖަމާވެއްޖެ ނަމަ، އެ ފައިސާއަކީ އެ މަހެއްގައި ކުރާ ޚަރަދެއް ކަމަށް ފެންނާތީ ބައެއް މައްސަލަ ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ފައިސާ ޖަމާކުރަން ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންތު ޖަމާވުން ލަސްވާތީ ޚަރަދުގެ ކަންކަން ހަމަޖެއްސުމުގައި ދަތިތަކެއް ދިމާވާ ކަމަށް ބުނެ ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް