އިންޑިއާއިން މެދު ރާއްޖެއާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފި

ހައިޑްރޮގްރަޕިކް ސާވޭގެ ތެރެއިން ހޯދުނު ހޯދުންތައް މިދިޔަ އަންގާރަ ދުވަހު، ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއާ ވަނީ ހަވާލުކޮށްފަ -- ފޮޓޯ/ އިންޑިއާ އެމްބަސީ

އިންޑިއާ އަސްކަރިއްޔާއާާއި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރަން ފެށި ހައިޑްރޮގްރަޕިކް ސާވޭގެ ތެރެއިން މާލޭ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފިއެވެ.

މި ސާވޭ އަކީ އިންޑިއާ އަސްކަރިއްޔާ އާާއި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރާ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭއެވެ. ސާވޭ ކުރަން ބޭނުންކޮށްފައިވަނީ އިންޑިއާގެ ސުލްތެޖު ކިޔާ މަނަވަރެކެވެ. ސާވޭގެ ތެރެއިން ހޯދުނު ހޯދުންތައް މިދިޔަ އަންގާރަ ދުވަހު، ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއާ ވަނީ ހަވާލުކޮށްފައެވެ.

ދެވަނަ ހައިޑްރޮގްރަޕިކް ސާވޭގެ ދަށުން 650 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާ ކަމަށް މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސްއިން ބުނެއެވެ. އެއީ އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިންއެވެ. އެގޮތުން، ހދ. ހަނިމާދޫ އިން ފެށިގެން ށ. ފުނަދޫއާ ހިސާބަށް 844 ސްކޮޔާ ކިލޯމީޓަރު ވަނީ ސާވޭ ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ 100 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ސާވޭކޮށްފައެވެ.

އިންޑިއާގެ މަނަވަރު ސުލްތެޖުން ސާވޭ ކުރަން ބޭނުން ކޮށްފައި ވަނީ މަލްޓި ބީމް އެކޯ ސައުންޑާސް ކަމަށް ހައިޑްރޯގްރެފިކް ސާވިސްއިން ވަނީ ބުނެފައެވެ. އަދި ކަނޑުގެ އޮއެވަރަށް އަންނަ ބަދަލު ދެނެގަތުމުގެ ބޭނުމުގައި ސުލްތެޖުން މާލެ ސަރަހައްދުގެ 10 ތަނަކާއި އުތުރުގެ ހަތަރު ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ވަނީ ހަދާފައެވެ.

އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭއެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިންނެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗް މަހުގައެވެ.

ހައިޑްރޮގްރެޕިކް ދެވަނަ ސާވޭގެ ސަބަބުން މި ސަރަހައްދުތަކުގައި ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެ ކަމަށް ވެސް ހައިޑްރޮގްރެޕިކް ސާވިސްއިން ބުނެއެވެ. އަދި ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް