ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަކޫ އޮޕަރޭޝަނެއް ކުރުމަށް އެސީމިލާނަށް ކުޅުމުންއަންނަ 40 އަހަރުގެ ޒަލްޓާން އިބްރަހިމޮވިޗް ހަތް ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
އޭސީ މިލާނުން ބުނެފައިވާގޮތުގައި އޭނާ ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ހަތް ހަފުތާއާއި އަށް ހަފުތާގެ މުއްދަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.
ބީބީސީއިން އިބްރަހިމޮވިޗާ ހަވާލާދީ ބުނެފައިވަނީ އޭނާ މި ހަފުތާގެ ތެރޭގައި ކަކުލުގެ އޮޕަރޭޝަން ކުރާނެކަމަށެވެ. އެއީ އެ އޮޕަރޭޝަނާއެކު އަންނަ ސީޒަން ފެށުމުގެ ކުރިން އޭނާ ކަކޫ މުޅިން ރަނގަޅުވޭތޯ ބެލުމަށެވެ. އަދި ސީޒަނަށް އޭނާ މުޅިން ފިޓު ނުވެއްޖެނަމަ އޭނާ އޭސީމިލާނާއެކު ކުރިއަށް ދެވިދާނެތޯ ބަލަމުން ދާކަމަށް ވެސް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ އާދިއްތަ ދުވަހު އެސީ މިލާނާއެކު ސެރީއޭގެ ތަށި އޭނާ އުފުލާލައިފައެވެ. އޭސީ މިލާނާއެކު ތަށްޓެއް އުފުލާލުމަކީ އިބްރާހިމްމޮވިޗްގެ ވަރަށް ބޮޑު އުންމީދެކެވެ.
އޭސީ މިލާނާއެކު ތަށްޓެއް ނުހޯދެނީސް ކުޅުން ހުއްޓާނުލާނެކަމަށް މީގެ ކުރިން އިބްރަހިމޮވިޗް ވަނީ ބުނެފައެވެ. އެ ޓީމާއެކު އޭނާ ތައްޓެއް އުފުލާލުމާއެކު ކަކުލުގެ ބޮޑު އޮޕަރޭޝަނަކަށް ދާންޖެހުމުން ކުޅުން ހުއްޓާލުމަށް ވިސްނުމަކީ ވެސް ގާތްކަމެއް ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
އިބްރަހިމޮވިޗުގެ ފުޓުބޯޅާ ހަޔާތުގައި އޭނާ ވަނީ މަޝްހޫރު ގިނަ ޓީމުތަކަކަށް ކުޅެފައެވެ. އުމުރުން 40 އަހަރުގައި އަދިވެސް އިދިކޮޅު ޓީމަށް އޭނާއަކީ ބޮޑު ނުރައްކަލެކެވެ. މި ސީޒަނުގައި އޭސީ މިލާން 11 އަހަރަށް ފަހު ސެރީއޭ ހޯދުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. އެ ޓީމަށް މި ސީޒަނުގައި އޭނާ ކުޅުނު 23 މެޗުގައި އަށް ގޯލު ޖަހައިދީފައިވެއެވެ.