އިޓަލިއަން ސެރީއާގައި އޭސީ މިލާނުން އެމްޕޯލީ ބަލިކޮށްފިއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިދިނީ ތަޖުރިބާކާރު ފޯވަޑް އަލްވާރޯ މޮރާޓާއެވެ. ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް މިލާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ މެދުތެރެއަށް ކުޅޭ ޓިޖާނީ ރެއިންޑާސްއެވެ.
މެޗުގައި މިލާނުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރެއިންޑާސްއެވެ.
މި ކާމިޔާބީއާ އެކު މިލާނުން ވަނީ މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެމްޕޯލީ އޮތީ 16 ޕޮއިންޓާ އެކު 10 ވަނައިގައެވެ.
މި މުބާރާތުގައި ބޮލޯނިއާއާއި ވެނެޒިއާ ބައްދަލުކުރި މެޗު ބޮލޯނިއާއިން ކާމިޔާބުކޮށްފައިވަނީ ވެސް 3-0 އިންނެވެ.
ބޮލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭއެވެ. ފަހު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރިކާޑޯ އޯސޮލީނީއެވެ.
މި ކާމިޔާބީއާ އެކު ބޮލޯނިއާއިންވަނީ 21 ޕޮއިންޓާ އެކު އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. ވެނެޒިއާ އޮތީ އަށް ޕޮއިންޓާ އެކު އެންމެ ފުލުގައެވެ. އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު ކަގްލިއާރީއާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު 1-0 އިން ކަގްލިއާރީ ކާމިޔާބުކުރިއިރު ކޯމޯއާއި މޮންޒާ ބައްދަލުކުރި މެޗު 1-1 އިން ވީ އެއްވަރެވެ.