ރާއްޖެ ބަނގުރޫޓެއް ނުވާނެކަން ޔަގީން، އެކަމަކު ރިސްކުތައް އެބަ ހުރި: އަމީރު

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، ނަމަވެސް އިގްތިސާދީގޮތުން ރިސްކުތަކެއް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތުދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމުގައި ދަތިކަމެއް ނެތްކަމަށާއި، އިގްތިސާދު ޑިފޯލްޓް ވުމުގެ ބިރެއް ވެސް ނެތް ކަމަށެވެ.

"ރާއްޖެއަށް އަދި ޑެބްޓް ސާވިސިން ގެ އެއްވެސް ރިސްކެއް ނެތް. އަޅުގަނޑު މެންނަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔަ އަހަރު އެއީ މި އަހަރު ޖޫން މަހުގައި ދައްކަންޖެހޭ 250 މިލިއަން ޑޮލަރު ބޮންޑުން،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާރު އޭގެ 192 މިލިއަން ޑޮލަރު ދައްކާފައި ވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި، މީޑިއަމް ޓާމްގައި އެންމެ ބޮޑު ދަރަންޏެއް ދައްކަން މި ޖެހެނީ 2026ވަނަ އަހަރު އެއީ މިހާރު އަޅުގަނޑުމެން ނަގާފައި ހުރި ދަރަނިތަކަށް ބަލާއިރު. އެހެންވީމަ މީޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ސާވިސް ނުކުރެވޭނެ ކަމުގެ އެއްވެސް ރިސްކެއްނެތް،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭން ދަރަނި ނަގަމުން ދަނީ ބަޖެޓާ އެއްގޮތަށް ކަމަށާއި، އަދި ޓޫރިޒަމް އަލުން ހިނގައިގަނެ ރާއްޖޭގެ އިގްތިސާދު ވެސް އަލުން ފުރިހަމައަށް ހިނގައިގަންނަން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކަން އެހެން ހުރި ކަމުގައި ވިޔަސް އިގްތިސާދީ ގޮތުން ބޮޑެތި ރިސްކުތަކެއް އެބަހުރި ކަމަށާއި، އެ ނޫން ގޮތަކަށް ބުނުން ވާނީ ޒިންމާދާރުނޫން ކަމަކަށް ކަމަށެވެ.

މިވަގުތު އޮތް އެންމެ ބޮޑު ރިސްކަކީ ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީ މަތިވުން ކަމަށާއި، އެކަން ވެސް މެނޭޖުކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންގެ އެނަލިސްޓަކު ހިމަނުއްވާފައި ވަނިކޮށެވެ.

އަމީރު ވިދާޅުވީ އެއީ ޖޭޕީ މޯގަންއިން ރަސްމީކޮށް ބުނެފައިވާ އެއްޗެއް ނޫން ކަމަށެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އިންޓަރެސްޓް ރޭޓުތައް މައްޗަށް ދިއުމުގެ ސަބަބުން ގައުމުތަކަށް ލޯނު ހޯދަން ވަނީ މިހާރު އުނދަގޫވެފައެވެ. އަދި، އާމްދަނީއާއި ހަރަދުތައް ނުބައްދަލުވުމާއި، ބޭރު ފައިސާ ވަންނަ މިންވަރަށް ވުރެ ބޭރުވާ މިންވަރު ދަށްވުން ފަދަ މައްސަލަތައް ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ގައުމުތަކަށް ކުރިމަތިވެފައިވެއެވެ.

މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ރާއްޖޭގެ ދަރަނި މަތިވަމުން ދިޔުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންނަ އަހަަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޖީޑީޕީގެ ނިސްބަތުން ރާއްޖެއިން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިޔާއާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރީ 94 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން ބަލާނަމަ އެއީ 122 އިންސައްތައެވެ.

comment ކޮމެންޓް