އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް ހުސްވެދާނެ ކަމަށް ޖޭޕީ މޯގަންގެ އިންޒާރެއް

ޖޭޕީ މޯގަން ސިންގަޕޫރު އޮފީހުގެ ލޮބީ --- ފޮޓޯ/ ޖޭޕީ މޯގަން

އަންނަ އަހަރުގެ ނިޔަލަށް ރިޒާވް ހުސްވެދާނެ ކަމުގެ ބިރުބޮޑު ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަން އިން ރާއްޖެ ހިމަނައިފިއެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކުރާ އިގްތިސާދީ އަސަރުތަކާ ބެހޭގޮތުން އެކުލަވާލި ރިޕޯޓެއްގައި އެ ބޭންކުގެ އެނަލިސްޓުން ބުނެފައި ވަނީ ބޮޑެތި ދަރަނިތައް ހުރި ގައުމުތަކުގެ ތެރެއިން ތެލާއި، ކާބޯތަކެތި ހޯދުމަށް އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ މާލީ މައްސަލަތައް ފުނި ޖެހެމުން އަންނަ ކަމަށެވެ.

އެ ބޭންކުން ދިރާސާކުރި 52 ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ވެސް އަންނަ އަހަރުގެ ނިޔަލަށް ރިޒާވް އެއްކޮށް ހުސްވެ، ޑިފޯލްޓް ވާނެ ކަމުގެ ބިރު އޮތް އަށް ގައުމެއް ފާހަގަކޮށްފައިވެއެވެ.

2023ވަނަ އަހަރުގެ ނިޔަލަށް ރިޒާވް ހުސްވާނެ ކަމުގެ ބިރު އޮތް ގައުމުތައް

  • ސްރީލަންކާ
  • ދިވެހިރާއްޖެ
  • ބަހާމާސް
  • ބެލީޒް
  • ސެނެގާލް
  • ރުވާންޑާ
  • ގްރެނާޑާ
  • އިތިއޯޕިއާ

މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ސްރީލަންކާއިން މިހާރު ވަނީ ޑިފޯލްޓްވެ، ބޭރު ދަރަނި ދެއްކުން ހުއްޓާލާފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އިންޓަރެސްޓް ރޭޓުތައް މައްޗަށް ދިއުމުގެ ސަބަބުން ގައުމުތަކަށް ލޯނު ހޯދަން ވަނީ މިހާރު އުނދަގޫވެފައެވެ. އަދި، އާމްދަނީއާއި ހަރަދުތައް ނުބައްދަލުވުމާއި، ބޭރު ފައިސާ ވަންނަ މިންވަރަށް ވުރެ ބޭރުވާ މިންވަރު ދަށްވުން ފަދަ މައްސަލަތައް ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ގައުމުތަކަށް ކުރިމަތިވެފައިވެއެވެ.

މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ރާއްޖޭގެ ދަރަނި މަތިވަމުން ދިޔުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންނަ އަހަަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޖީޑީޕީގެ ނިސްބަތުން ރާއްޖެއިން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިޔާއާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖީޑީޕީ ހުރީ 94 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން ބަލާނަމަ އެއީ 122 އިންސައްތައެވެ.

comment ކޮމެންޓް