މާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

އިސްކަންދަރު ސްކޫލް: ކަރަންޓް ކެނޑުމުގެ ސަބަބުން އެ ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލާފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު މުޅި މާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ.

މުޅި މާލެއިން ކަހަލަ ގޮތަކަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ރޭ ފަތިހު ހަތަރެއްހާއިރެވެ. އަދި 7:30 ހާއިރު މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ހުރިހާ ހިސާބަކަށް ކަރަންޓް ފޯރުކޮށްދެވުނީ, 9:15 ހާއިރެވެ.

ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެއީ އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އިއްޒުއްދީން ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ, ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެ ސްކޫލްތަކުން ވެސް މެންދުރު ދަންފަޅީގައި ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މާލެއިން ކަރަންޓު ކެނޑިފައިވަނީ ކުއްލިއަކަށް ދިމާވި އާާތް ފޯލްޓަކުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް