މަންކީޕޮކްސް ވައިރަހުން ފެތުރޭ މަންކީޕޮކްސް ބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މަންކީޕޮކްސްއަކީ ކަށިވިދުރިއާ އެއް އާއިލާއަކަށް ނިސްބަތްވާ ބައްޔެއް ކަމަށް ގިނަ ސައިންސުވެރިން ގަބޫލު ކުރެއެވެ.
މަންކީޕޮކްސްގެ ނަމުން އެ ވައިރަހަށް ނަން ދިނީ އެ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ދިރާސާއަކަށް ބޭނުންކުރި ރާމާމަކުނުތަކެއްގެ ގައިން ކަމަށްވާތީއެެވެ.
އެމެރިކާއާއި ޔޫރަޕްގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ މަންކީޕޮކްސް އިންސާނެއްގެ ހަށިގަނޑުން އެންމެ ފުރަތަމަ ފެނިފައިވަނީ 1970 ވަނަ އަހަރުއެވެ. އެއީ ނުވަ އަހަރުގެ ފިރެހެން ކުއްޖެއްގެ ގައިންނެވެ.
މަންކީޕޮކްސް ޖެހެނީ ކިހިނެތް؟
މަންކީޕޮކްސް އާންމުކޮށް ޖެހެނީ އެ ބަލި ޖެހިފައިވާ މީހަކާ ގާތްވެ، ގިނައިރު ކޮންޓްކެޓު ވުމުންނެވެ. އެއީ އެ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުމުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ނޭވާލުމުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.
އެއްގެއެއްގައި ދިރިއުޅޭ މީހުންނަށް މި ބަލިޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ސަބަބަކީ އެ ބަލި ޖެހިފައިވާ މީހަކު ގެންގުޅޭ ހެދުން، ތުވާލިފަދަ ތަކެތި ބޭނުންކުރުމުގެ ތެރޭގައި ބަލީގެ ޖަރާސީމު ގަޔަށް ވާސިލުވެދާނެތީއެވެ.
މި ބަލީގެ އަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟
މި ބަލި ޖެހޭ ފުރަތަމަ ފަސް ދުވަހު ހުން އައުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި ކަރުގަޔާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުމާއެކު ގައިގައި ރިއްސާނެއެވެ.
ފާނަބަސަންދު، ހިމަބިހި، ކަށިވިދުރި ފަދަ ބަލިތައް ޖެހުމުން ގައިގައި ނަގާފަދަ ފޮޅުތަކެއް ވެސް މި ފަސް ދުވަހުގެ ތެރޭގައި ފެންނާނެއެވެ.
ހުމުގެ އަސަރު ފެންނަތާ ތިން ދުވަހުގެ ތެރޭގައި ފޮޅުތައް ހިކި، ތޮށިލައި، ކުރަމަގާލި ލައި ނެއްޓިގެން ދެއެވެ.
މި ބަލީގެ ސަަބަބުން ގައިގައި ނަގާ ފޮޅުތަކުގެ ތެރެއިން 95 ޕަސެންޓު ފޮޅުތަށް ހުންނަނީ މޫނުގައެވެ. އަދި 75 ޕަސެންޓު ފޮޅު އަތްތިލައިގައާއި ފައިގެ ފަލަ މަސްގަނޑުގައި ހުންނައިރު 30 ޕަސެންޓު ފޮޅުތައް ހުންނާނީ ޖިންސީ ގުނަވަންތަކުގައެވެ.
އާންމު ގޮތެއްގައި އެ ބަލީގެ އަލާމާތްތައް ދެ ހަފުތާއާއި ހަތަރު ހަފުތާއަށް ދެމިގެންދެއެވެ.
އެ ބައްޔަށް ހާއްސަ ވެކްސިނެއް ހެދިފައިވޭތަ؟
އެ ބައްޔަށް ހާއްސަކޮށްގެން ވެކްސިނެއް އުފައްދާފައި ނުވެއެވެ. ނަމަވެސް ކަށިވިދުރިއަށް ހާއްސަ ވެކްސިނެއް ކަމަށްވާ "ޖިންނޮއޯސްޓްއެމް" ވެކްސިން އަކީ މަންކީޕޮކްސްއިން ރައްކާތެރިވުމަށް އެމެރިކާގައި ލައިސަންސް ދީފައިވާ ވެކްސިނެކެވެ.
މަންކީޕޮކްސްއާއި ކަށިވިދުރި ޖެހުމަށް މެދުވެރި ކުރުވާ ދެ ވައިރަހުގައި އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެހެންކަމުން ކަށިވިދުރި ވެކްސިނަކީ މަންކީޕޮކްސްއިންވެސް ރައްކާތެރިކޮށްދޭ ވެކްސިނެއްކަމަށް ގިނަ ސިއްހީ މާހިރުން ބުނެއެވެ.
މީގެ ކުރިން އެފްރިކާގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މަންކީޕޮކްސްއިން ރައްކާތިކޮށްދިނުމުގައި ކަށިވިދުރި ވެކްސިން 85 ޕަސެންޓް ކާމިޔާބެވެ.
މަންކީޕޮކްސްއިން ރައްކާތެރިވުމަށް ޓަކައި ގިނަގިނައިން އަތް ސާފުކުރުމަށާއި މާސްކު އެޅުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.