ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި

ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭ ކޮށްފައި: އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ވަނީ ދޫކޮށްލާފައި --- ސަން ފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފިއެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލައި ކަޅުކުލައިގެ ސްޕްރޭއިން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ދަންވަރުއެވެ. އޭގެ އިތުރުން އެ ގޭކައިރި ހުންނަ ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ އެ ލިޔުން ސްޕްރޭ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުން, ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގެ ކޮޅަށް ސްޕްރޭކޮށްފައި މިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އެ ޝިއާރު ގޭގޭ ފާރުތަކުގައި ލިޔުމަށް ޔާމީން އަންގަވައިފައިވަނިކޮށެވެ. އަދި "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތަކެއް ވެސް ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް ބައެއް ގެތަކުގައި ދެމިއެވެ. ފުލުހުން ވަނީ އެތަކެތި ނަގައިފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅު ހެދުމުގެ ގޮތުން މިފަހުން ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފައެވެ.

comment ކޮމެންޓް