އެޗްޑީސީގެ އެޕްރެންޓިސްޝިޕް އިއުލާނުކޮށްފި، 20 ޕަސެންޓް އަންހެނުންނަށް ހާއްސަ

އެޗްޑީސީގެ ބިލްޑިން

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށާއި އެޗްޑީސީގެ 30 މުވައްޒަފުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޖޮބް ސެންޓަރު ވެބްސައިޓު މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

މި ޕްރޮގްރާމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި، ބައިވެރިންގެ 20 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިމުމުން، އެމްކިއުއޭ ގަބޫލުކުރާ، ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ލިބިގެންދާނެއެވެ.

ތިއަރީ އަދި ޕްރެކްޓިކަލް ބައި ހިމެނޭ މި ޕްރޮގްރާމު ނިމޭއިރު، އެންމެ ރަނގަޅަށް ޕާފޯމް ކޮށްފައިވާ މީހުންނަށް އެޗްޑީސީން ވަޒީފާ ހަމަޖެއްސައިދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮގްރާމުގައި 10 ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ހެވީވެހިކަލްއާއި ވެލްޑިންގެ އިތުރުން މޭސަނަރީ، ގާޑަނިން، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓާ، ރެފްރިޖިރޭޝަންސް އެންޑް އެއާކޮންޑިޝަނިން މެކޭނިކް، ކޮންސްޓްރަންޝަން ސައިޓް ސުޕަވައިޒާ އަދި ބިލްޑިން މެއިންޓަނަންސް އެވެ.

ހަ މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް، ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް، މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން، ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަކީ އޯލެވެލް ނިންމާފައިވާ، ނުވަތަ އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ދޭއްގެ ސަނަދެއް އޮންނަ މީހަކަށް ވާންޖެހެއެވެ.

އޭގެ އިތުރުން، 16 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އިސްކަން ދޭނެކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އެ ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް