ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް: ދަށު ސާނަވީގެ ގަދަ 10 ހޮވައިފި

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ވާހަކަދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިހާރު ކުރިއަށްދާ އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީގެ ގަދަ ދިހައެއް ހޮވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހީމް "ސަން"އަށް ވިދާޅުވީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ދަށު ސާނަވީގެ ވާހަކަދެއްކުން ނިމުމާއެކު ބަހުސްކުރުމުގެ ބައި ފެށިފައިވާކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މިއަހަރު މުބާރާތުގައި ޖުމުލަ ސަތޭކައަށް ވުރެ ގިނަ ކުދިން ވާހަކަ ދައްކާފައިވާ ކަމަށެވެ.

ދަށު ސާނަވީ ބައިގެ އެންމެ މޮޅު 10 ދަރިވަރުން:-

  • ނަމީރާ އަޙްމަދު ސަޢީދު - އަރަބިއްޔާ ސްކޫލު
  • ޔޫސުފް ނަވީން ސަޢީދު - މަޖީދިއްޔާ ސުކޫލް
  • މުއައްޔަދު މަބާޙު މުޙައްމަދު - އަރަބިއްޔާ ސުކޫލް
  • ފާތިމަތު ސާރާ ނަޛީރު - ޖަމާލުއްދީން ސުކޫލް
  • ޒައިން ޢަބްދުލް ޙަލީލް - އިސްކަންދަރު ސުކޫލް
  • އައިޝަތު ޢީޝާ އިބްރާހީމް - މަޖީދިއްޔާ ސުކޫލް
  • އައިޝަތު މީޝާ މުޖުތަބާ - އިސްކަންދަރު ސުކޫލް
  • އައިޝަތު ޝުފްރާ މުޙައްމަދު - މަޖީދިއްޔާ ސުކޫލް
  • ޙަދީޖާ ޒީން ޒާހިރު - ފުވައްމުލަކު ސުކޫލް
  • އައިޝަތު ރީމް ޢަބްދުއްރަޝީދު - ޖަމާލުއްދީން ސުކޫލް

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ދަރިވަރަކު ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދަށު ސާނަވީގެ ބައިން ގަދަ ދިހަ ދަރިވަރުންގެ ގޮތުގައި ހޮވުނު ދަރިވަރުން އަރުތަބުރަށް ދާނެއެވެ. އަރުތަ ބުރުގައި އެކުދިންނަށް ދެވިފައިވާ މައުޟޫތަކުގެ ތެރެއިން މައުޟޫއަކަށް ފަހަރަކު ކުއްޖަކު ވާހަކަ ދައްކަންޖެހޭނެއެވެ. އަދި އެ ބުރުގައި ދެވަނަ މަސައްކަތެއްގެ ގޮތުން އާންމު މައުލޫމާތާއި، އަމިއްލަ ޝުއޫރު ބޭނުންކޮށްގެން ވާހަކަދެއްކޭނެ ފަދަ ކުއްލި މައުޟޫއަކަށް ވާހަކަ ދައްކަން ޖެހޭނެކަމަށް އެކެޑަމީގެ ނައިބު ރައީސާ ވިދާޅުވިއެވެ.

"މި އަހަރުގެ ވަހަކަދެއްކުމުގެ ޤައުމީ މުބާރާތަށް ކުއްލި މައުޟޫއަށް ވާހަކަ ދެއްކުވުމުގެ ބޭނުމަކީ ކުދިންގެ ކިބައިގައި ހުންނަ ތޮބީއީ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރުން،" ޒުލްފާ ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތުގައި އަތޮޅުތަކުން ބައިވެރިވަނީ:

ފުވައްމުލަކު

  • މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • ހާފިޒް އަޙްމަދު ސްކޫލް
  • ފުވައްމުލަކު ސްކޫލް

ގދ. އަތޮޅު

  • ގދ. އަތޮޅު ތައުލީމީ މަރުކަޒު

ނ. އަތޮޅު

  • ނ. ޅޮހި ސްކޫލް

އައްޑޫ ސިޓީ

  • ޝަރަފުއްދީން ސްކޫލް
  • ހިތަދޫ ސްކޫލް

ށ. އަތޮޅު

  • ށ. އަތޮޅު މަދަރުސާ

ހއ. އަތޮޅު

  • ހއ. އަތޮޅު އިހަވަންދޫ ސްކޫލް

އެ ޓީމުތައް ބައިވެރިވުމަކީ މުބާރާތުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ ކަމެއް ކަމަށް ޒުލްފާ ފާހަގަކުރެއްވިއެވެ.

އެ މުބާރާތުގައި ބައިވެރިވި ފުވައްމުލަކު ސްކޫލުގެ ލީޑިން ޓީޗަރު އަސްލަމު ޙުސައިން "ސަން"އަށް ވިދާޅުވީ އެ ސުކޫލުން ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުން ފަޚްރުވެރިވާ ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު ފުރުސަތެއް މި ލިބުނީ. ކުދިންނަށް ވަރަށް ބޮޑު ޔަޤީންކަމެއް މި ލިބުނީ. އެ ކުދިންނަކީ ވާހަކަ ދެއްކުމުގެ ހުނަރު ލިބިފަވާ ކުދިންކަން މި އެނގެނީ،" އަސްލަމް ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މުބާރާތުގައި ބައިވެރިވި މާލޭގެ ސުކޫލުތަކުގެ ތެރެއިން އިމާދުއްދީން ސުކޫލުގެ ލީޑިން ޓީޗަރު ފައިސަލް ޒަހީން "ސަން"އަށް ވިދާޅުވީ މިއަހަރުގެ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ އިންތިޒާމުތައް ވަރަށް ރަނގަޅުކަމަށާއި، ސެޝަންތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު މިވަނީ މި އަހަރުގެ މުބާރާތުގައި ވާހަކަ ދައްކާފަ. އެ ދަރިވަރުގެ ވާހަކަ ދެއްކުމާ ދޭތެރޭގަ ވެސް ވަރަށް ހިތްހަމަ ޖެހޭ،" ފައިސަލް ވިދާޅުވިއެވެ.

ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަދި ޖަމާލުއްދީން ސްކޫލްގެ އަދަބީ މުދައްރިސް އަންވަރު އިބްރާހީމް "ސަން"އަށް ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ވާހަކަ ދެއްކުމުގެ ހުނަރުން ފުރިގެންވާ ކުދިން ތަމްރީނު ކުރެވޭނެ ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި، ވާހަކަ ދެއްކުމުގެ ހުނަރު ހުރި އެ ކަމަށް ދޮންވެ ފައްކާވެފައިވާ ކުދިންތަކެއް ނެރެވޭނެކަމަށް ޤަބޫލުކުރެވޭ،" އަންވަރު ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގައި ކޯޗުކަން ކޮށްދެއްވާ ބޭފުޅެއް ކަމަށްވާ ކާނަލް މުޙައްމަދު ނަޝީދު ވިދާޅުވީ އެ މުބާރާތުގައި ރަނގަޅު ކުރަން ޖެހޭ ބައެއް ކަންތައްތައް ހުރި ކަމަށާއި އެގޮތުން، އަތޮޅުތަކުން އަންނަ ކުދިން ވާހަކަ ދައްކާ ނިމުމުން ވީހާވެސް އަވަހަކަށް ފުރައިގެން ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި މިހާރު ކުރިއަށް ދަނީ އޮފީސް ކްލަބް ޖަމުއިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބަހުސް މުބާރާތެވެ. އަދި ހަމަ މިއާއެކު ދަށު ސާނަވީ ބައިގެ ގަދަ 10އަކަށް ހޮވުނު ކުދިންގެ ވާހަކަދެއްކުމާއި މަތީ ސާނަވީ ކުދިންގެ ދެވަނަ ބުރު މިރެއާއި މާދަމާ ރޭ ކުރިއަށްދާނެއެވެ.

މި މުބާރާތް އޮންނަނީ މާލޭގެ ޕޮލިޓެކް އިމާރާތުގައި ކޮންމެ ދުވަހަކު އެކަކުން ތިނަކަށް، ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައަކަށެވެ.

comment ކޮމެންޓް