ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި "އިންޑިއާ އައުޓް" ޓީޝާޓްތައް ފުލުހުން ގެންގޮސްފި

ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި އިންޑިޔާއައުޓް ޓީޝާޓުތައް ފުލުހުން ގެންދަނީ--- ފޮޓޯ/ ކިޔުންތރިއެއް

ނ. ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި އިންޑިއާ އައުޓް ޓީޝާޓްތަކާއި، ބެނާތައް ފުލުުހުން ގެންގޮސްފިއެވެ.

ވެލިދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރު އަބްދުﷲ ފާއިގު "ސަން"އަށް ވިދާޅުވީ ރޭ 9:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެރަށު ޕީޕީއެމްގެ އޮފީހުގައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށްފަހު އެ އޮފީސް ތެރޭގައި ހުރި އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓްތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގީ އެ ބެނާ ނެގުމަށް އެންގި އެންގުމަށް ތަބާނުވުމުންނެވެ.

"ފުލުހުން އެންގި އެ ބެނާތަކާއި އިންޑިއާ އައުޓް ހުރިހާ އެއްޗެއް ނަގަން. އަޅުގަނޑު ވަރަށް ރީއްޗަށް ދެންނެވިން ނުނަގާނަމޭ. އެހެން ބުނެފަ އޮއްވާ ކޯޓު އަމުރު ހިފައިގެން އައިސް އިންޑިއާ އައުޓް ޖަހާފައި ހުރި ހުރިހާ އެއްޗެއް ގެންދިޔައީ،" ފާއިގް ވިދާޅުވިއެވެ.

ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި އިންޑިޔާއައުޓް ޓީޝާޓުތައް ފުލުހުން ގެންދަނީ--- ފޮޓޯ/ ކިޔުންތެރިއެއް

އޭނާ ވިދާޅުވީ އިންޑިއާ އައުޓް ލިޔެފައިވާ ޓީޝްތަކާއި ބެނާ ގެންދިޔަޔަސް އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ ޕާޓީން މިހަރަކާތް ކުރިއަށްދާހާ ހިނދަކު އަޅުގަނޑުމެންވެސް ތިބޭނީ މިގޮތުގައި. އަޅުގަނޑުމެން ދާނީ މި ހަރަކާތަައިގެން ކުރިއަށް،" ފާއިގު ވިދާޅުވިއެވެ.

ފާއިގު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވާފައިވާ ގަރާރު ގަބޫލުނުކުރައްވާނެ ކަމަށެވެ. ސަބަބަކީ އެ ކަމަކީ ގާނޫނު އަސީސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމު އިންޑިއާއަށް ބަރޯސާވެ އަޅުވެތިވަމުންދާތީ އެކަމާ އަޅުގަނޑު ހިތާމަކުރަން،" އޭނާ ވިދާޅުވިއެވެ.

ވެލިދޫ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސް މުޙައްމަދު ފައިސަލް ވެސް ވިދާޅުވީ ފުލުހުންގެ އެ އަމަލު ބަލައި ނުގަންނާނެ ކަމަށެވެ.

"ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ބޯލަނބަން ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މާލެއިން ޓީޝާޓާއި ދިދަ ގެނެސްގެން އަނެއްކާވެސް އެ ހަރަކާތް ފަށާނެކަމަށެވެ.

"އަޅުގަނޑުމެންނެއް ނުހުއްޓުވޭނެ. މާލެއިން އިންޑިއާ އައުޓް ޓީޝާޓާއި ދިދަ ގެނެސްގެން ވެސް އަޅުގަނޑުމެންގެ މި ހަރަކާތް ކުރިއަށް ގެންދާނަން،" ފައިސަލް ބުންޏެވެ.

އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގަރާރު ނެރުއްވާފައިިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އިންޑިއާ އައުޓްގެ ހަރަކާތްތައް ފުލުހުން އަންނަނީ ހުއްޓުވަމުންނެވެ.

comment ކޮމެންޓް