ދުނިޔޭގެ އެންމެ މުއްސަނދި އެތުލީޓަކަށް މެސީ، ރޮނާލްޑޯއަށް ތިން ވަނަ

ލިއޮނަލް މެސީ

ފޯބްސްއިން އާންމު ކުރި އަހަރުގެ އެންމެ މުއްސަނދި އެތުލީޓުންގެ ލިސްޓުގެ އެއްވަނައަށް ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެއެވެ.

ފާއިތުވި އަހަރު ދުވަސް ތެރޭ، ޓެކުހަށް ކެނޑުމުގެ ކުރިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ މެސީ އަށެވެ. ޓެކުހަށް ނުކަނޑާ، 130 މިލިއަން ޑޮލަރު މެސީއަށް ވަނީ ލިބިފައެވެ. އެންމެ މުއްސަނދި އެތުލީޓުގެ މަޤާމު މެސީ ހޯދި މިއީ ދެވަނަ ފަހަރެވެ.

ތިރީގައި މި ހިމަނާލަނީ މެސީއާއެކު، މި ލިސްޓުގައި ހިމެނުނު ގަދަ ފަސް އެތުލީޓުންނެވެ.

1. ލިއޮނަލް މެސީ

ސޯޝިއޯސް އާއެކު، އަހަރަކު 20 މިލިއަން ޑޮލަރުގެ ޕާޓްނާޝިޕެއް ހަދާފައިވާ މެސީއަކީ ޕެޕްސީ، އެޑިޑަސް އަދި ބުޑްވެއިޒާގެ ބްރޭންޑް އެމްބެސެޑަރެވެ.

އޭނާގެ އާމްދަނީގެ ބޮޑު ބަޔަކީ ބްރޭންޑް އެންޑޯސްމަންޓް ފީތަކުންނާއި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ދޭ މުސާރައިގެ އިތުރުން ޕީއެސްޖީން ލިބޭ އާމްދަނީއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެސީގެ 40އަށް ވުރެ ގިނަ ބްރޭންޑް އެންޑޯސްމަންޓް އޮންނަ އިރު، ކޮންމެ އެންޑޯސްމަންޓަކަށް ފަސް މިލިއަނަށް ޑޮލަރު އޭނާ އަށް ލިބެއެވެ. މެސީ އަކީ ޔުނިސެފާއި ރެޑް ކްރޮސް ފަދަ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިވާ ނަމޫނާ ޝަހުސިއްޔަތެކެވެ.

2. ލެބްރޯން ޖޭމްސް

މިދިޔަ އެއް އަހަރު ދުވަސް ތެރޭ 121.2 މިލިއަން ޑޮލަރު ހޯދައިގެން ޖޭމްސް ވަނީ ދެވަނައަށް އެންމެ މުއްސަނދި އެތުލީޓަށް ވެފައެވެ.

ޖޭމްސް އަކީ އެމެރިކާގެ ކުޅަދާނަ ބާސްކެޓު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރިއެއް ކުރާ ވިޔަފާރިވެރިއެކެވެ.

ޖޭމްސް އަކީ ހަމައެކަނި މުސާރައިގެ ގޮތުން އެންބީއޭގައި ހަ ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއެވެ. އޭނާއަށް އަސާސީ މުސާރައިގެ ގޮތުގައި 41.1 މިލިއަން ޑޮލަރު ލިބެއެވެ.

އެންޑޯސްމަންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ޖޭމްސްއަށް ލިބޭއިރު ނައިކީއާއެކު އޭނާ ވަނީ އެއް ބިލިއަން ޑޮލަރުގެ އުމުރުދުވަހުގެ ކޮންޓްރެކްޓެއް ވެސް ހަދާފައެވެ. މީގެ އިތުރުން އޭނާއަކީ ލިވަޕޫލް އެފްސީގެ ހިއްސާދާރެކެވެ.

3. ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯއަށް އާމްދަނީގެ ބޮޑު ބައެއް ލިބެނީ އޭނާގެ ސޯޝަލް މީޑިއާ މަޤުބޫލުކަމުންނެވެ. އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާ ގައި 690 މިލިއަން އަށްވުރެ ގިނަ ފޮލޯވަރުން އޭނާގެ އެބަހުއްޓެވެ. ނައިކީ، ހާބަލްލައިފް އަދި ކްލިއާ ޝޭމްޕޫ ފަދަ ސްޕޮންސަރުންގެ އަތުން ބޮޑު އާމްދަނީއެއް ރޮނާލްޑޯއަށް ލިބެއެވެ.

ރޮނާލްޑޯ ނައިކީއާއެކު ހަދާފައިވާ އުމުރު ދުވަހުގެ ކޮންޓްރެކްޓުން އެއް ބިލިއަން ޑޮލަރު ލިބޭނެއެވެ.

ސްޕޮންސާޝިޕާއި، ކޮމާޝަލް ކޮންޓްރެކްޓްތަކުގެ އިތުރުން ފައިސާ ލިބޭނެގޮތަށް އަމިއްލަ ވިޔަފާރިތައް ފަށައި، އޭނާ އަންނަނީ އެ ވިޔަފާރިތައް ހިންގަމުންނެވެ.

ރޮނާލްޑޯ ދަނީ ގެސްޓު ހޮޓަލުގެ ވިޔަފާރި ވެސް ކުރަމުންނެވެ. އެގޮތުން ރޮނާލްޑޯގެ ޕެސްޓާނާ ސީއާރް ސެވެން ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހޮޓާތައް ހުޅުވާފައެވެ.

4. ނޭމާ ޖޫނިއާ

ނުވަދިހަ ފަސް މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ނޭމާ ހިމެނެނީ ލިސްޓުގެ ހަތަރުވަނައިގައެވެ.

އުމުރުން 30 އަހަރުގެ ނޭމާގެ އަތުގައި 220 މިލިއަން ޑޮލަރު މިހާރު ވެސް ހުރިކަމަށް ކަމާބެހޭ ގިނަ މާހިރުން ބުނެއެވެ. 2020 ވަނަ އަހަރު ނައިކީން ނޭމާއާއެކު ހަދާފައިވާ ކޮންޓްރެކްޓު އުވާލުމާއެކު، އޭނާ ވަނީ ޕޫމާއާއެކު އާ ކޮންޓްރެކްޓެއް ހަދައިފައެވެ.

ނޭމާ އަކީ ޤަތަރު އެއާވޭސް، ޤަތަރު ނެޝަނަލް ބޭންކް، ރެޑްބުލް، ރީޕްލޭ ޖީންސް، އެޕިކް ގޭމްސް ފަދަ ބޮޑެތި ބްރޭންޑްތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ.

އޭނާ އަކީ ޓައިމް މަޖައްލާގެ ކަވަރުގައި ހިމެނުނު ބްރެޒިލްގެ ހަމައެކަނި ކުޅުންތެރިޔާއެވެ. ޕީއެސްޖީއާއެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، އޭނާ އެ ކުލަބު ދޫކޮށްލުން ގާތެވެ.

5. ސްޓެފެން ކަރީ

އެންބީއޭގެ އެއްވެސް ކުޅުންތެރިޔަކަށް މި ސީޒަނުގައި ސްޓެފަން އަށް ވުރެ ބޮޑު މުސާރައެއް ލިބިފައެއް ނުވެއެވެ. އަދި، ގޯލްޑަން ސްޓޭޓް ވޯރިއާސް ގާޑުން 215 މިލިއަން ޑޮލަރުގެ އާ ކޮންޓްރެކްޓެއްގައި މިދިޔަ އޮގަސްޓު މަހު އޭނާ ވަނީ ސޮއި ކޮށްފައެވެ.

އުމުރުން 31 އަހަރުގެ ސްޓެފަން އަށް ސްޕޮންސާޝިޕް ޑީލްތަކުން 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށާއި، އަދި އަހަރަކު 37.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭކަމަށް ފޯބްސް އިން ރިޕޯޓްކުރެއެވެ.

މީޑިއާގެ އުފެއްދުތަކާއި ޓެކްނޮލޮޖީގެ ކަންކަމަށް އަމާޒުކޮށްގެން "ކޮންވިޑަކްޝަން މީޑިއާ" ގެ ނަމުގައި ކުންފުންޏެއް އޭނާ ވަނީ އުފައްދާފައެވެ.

comment ކޮމެންޓް