ސަމާލުވޭ! ޑެންގީ ހުން އިތުރުވަނީ

ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: ސަން ފައިލް ފޮޓޯ

ރާއްޖޭން ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހު ވަނީ 26 މީހަކަށް ޑެންގީ ޖެހިފައެވެ. ނިމިދިޔަ އޭޕްރީލް މަހު އެ އަދަދު ހުރީ 92ގައެވެ.

އެ އޮތޯރިޓީން ބުނާގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު އޭޕްރީލް މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

ޑެންގީ ން ރައްކާތެރިވުމުގެ ގޮތުން މަދިރިން ހަށިގަނޑު ރައްކާކުރަން ޖެހެއެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުން މުހިންމެވެ. އޭގެ އިތުރުން މަދިރި ގިނަވާ ވަގުތުތައް ކަމަށްވާ ފަތިހާއި އިރުއޮއްސޭ ވަގުތު ގޭގޭ ދޮރުތަކާއި ކުޑަދޮރުތައް މަދިރިއަށް ނުވަދެވޭނެހެން ލައްޕާފައި ބެހެއްޓުން މުހިންމެވެ.

އަރިދަފުސް ރޯގާއަށް ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބަލިވެގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިއަހަރުގެ މާޗް މަހު ރޯގާ ޖެހިގެން 14،399 މީހުން ރިޕޯޓް ކޮށްފައިވާއިރު މިދިޔަ އޭޕްރީލް މަހު ރިޕޯޓް ކޮށްފައިވަނީ 2،925 މީހުންނެވެ.

މިދިޔަ މާޗް މަހު އިންފްލުއެންޒާ ޖެހިގެން އެކަކު ރިޕޯޓް ކޮށްފައިވާއިރު އޭޕްރީލް މަހު އެއްވެސް މީހަކު ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މާޗް މަހު ބޭރަށް ހިންގުން ޖެހިގެން 2،063 މީހުން ރިޕޯޓް ކޮށްފައިވާއިރު އޭޕްރީލް މަހު ރިޕޯޓް ކުރީ 1،575 މީހުންނެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް

• އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.

• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.

• ރޯގާޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.

• ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް

• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.

• ފާހާނާ ކުރުމަށް ފަހު އަދި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.

• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.

• ގޭގައި ކާބޯތަކެތި ރައްކާކުރާ އިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.

• ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން

• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.

comment ކޮމެންޓް