އެޑްވަޓޯރިއަލް: ނަރުސްކަން ފުޅާ ކުރުމަށް ކޮމިއުނިޓީ ނާސިން ތަޢާރަފް ކުރަން ޖެހިފައި

ނަރުސްކަން ފުޅާ ކުރުމަށް ކޮމިއުނިޓީ ނާސިން ތަޢާރަފް ކުރަން ޖެހިފައިވާ ކަމަށް ކޮމިއުނިޓީ ނާސް ވޮލިންޓިއާސް ޖަމުއިއްޔާއިން ބުނޭ -- ފޮޓޯ/ ކޮމިއުނިޓީ ނާސް ވޮލިންޓިއާސް

ރާއްޖޭގައި ނަރުސްކަން ފެށިގެންއައީ ބޭރުން ތަމްރީނުވެގެން އައި ދެތިން ނަރުހުންނާއެކުއެވެ. އޭރުގައި އެ ޚިދުމަތް ދެމުން އައީ ހޮސްޕިޓަލްގައާއި ގޭގެއަށް ޒިޔާރަތް ކޮށްގެންނެވެ. ވަކި ވަގުތެއްނެތި 24 ގަޑިއިރު ދޭ ހިދުމަތެއްގެ ގޮތުގައެވެ. ކޮމިއުނިޓީ ނަރުހުންގެ ގޮތުގައި ނުވަތަ އެނަމުގައި ނޫންނަމަވެސް ޒަމާނުއްސުރެންވެސް ނަރުހުން އަންނަނީ ކޮމިއުނިޓީގައި ތަފާތު ގޮތްގޮތުން ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މިގޮތުގެ މަތިން ހޮސްޕިޓަލުން ބޭރުން ނަރުހުން ފޯރުކޮށްދޭ ޚިދުމަތަށް ނަޒަރު ހިންގާލާއިރު، އާއިލާގެ މެންބަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން، ރަޙްމަތްތެރިންނާއި އަދި ގޭކައިރިހިސާބުގައި ތިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުން، މީގެ އިތުރުންވެސް ޚިދުމަތަށް އެދިގެން އަންނަ ކޮންމެ ފަރާތަކަށްވެސް ޚިދުމަތް ފޯރުކޮށްދިނުމަކީ ނަރުހުން ޒިންމާއެއް ކަމުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެކެވެ. ސްކޫލްތަކާއި، ޚާއްޞަ އެހީބޭނުންވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ޖަމްއިއްޔާތަކާއި މިނޫންވެސް ވަރަށް ގިނަ ތަފާތު މުއައްސަސާތަކުގައި ނަރުހުންގެ މަސައްކަތް ކުރެއެވެ. ނަރުހުން ނަރުހުންގެ ގޮތުގައި ނޫން ނަމަވެސް ސަރުކާރުގެ ކުރީސަފުގައި މަޤާމުތައް އަދާކޮށް ޞިއްޙީ ދާއިރާ ކުރިއެރުމުގެ އިސްދައުރެއް އަދާ ކުރެއެވެ.

ނަރުހުންގެ ވަޒީފާގެ މަސައްކަތްތައް ޒަމާނީ ވަޞީލަތްތަކާއި އެކު ކުރިއަރާފައިވީ ނަމަވެސް ނަރުސް ކަމުގަމުގެ މައިގަނޑު އަސާސަކީ ބަލިމީހާއަށާއި އާއިލާއަށް އޯގާތެރިކަމާއި އެކީ ބާއްވަންޖެހޭ ޚާއްޞަ ގުޅުމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށް ދިނުމެވެ.

އޭއެމްޑީސީން މީހަކު ފަރުވާ ހޯދަނީ --- ފޮޓޯ/ އޭއެމްޑީސީ

"އަޅުގަނޑަކީ ވަރަށް އެކަނިވެރިކޮށް ސްޕެޝަލް ނީޑް ދެ ކުއްޖަކު ގެންގުޅޭ މީހެއް. އަޅުގަނޑުގެ ފިރިމީހާވެސް ކޮވިޑް ޖެހި އެންމެންވެސް ވަރަށް ބަލިވި. ގޭ ބަންދުވެފައި ތިބިއިރު މި ގެއަށް ނަރުހަކު ވިޒިޓް ކުރި. އަޅުގަނޑަށް އޭރު މިކަން ސިފަ ކުރެވުނީ ފެނަށް ޖެހި ގޭގައި ބަންދުވެފައި ހުރި މީހަކަށް ފެންފޮދެއް ލިބުންފަދަ ގޮތަކަށް. އަދި ފޯނުންވެސް ނަރުހެއްގެ އެހީ ތެރިކަން ޤަވާއިދުން ލިބުން ވެގެން ދިޔައީ ނަފްސާނީގޮތުންވެސް ވަރަށް ހިތްހަމަ ޖެހުނު ކަމެއް،" ނަރުހުންގެ އަގު ވަޒަން ކުރަމުން ބެލެނިވެރިއަކު ބުންޏެވެ.

އާއްމު ޞިއްޙަތު ކުރިއެރުމުގައި ނަރުހުން އަދާ ކުރަމުން އަންނަ ދައުރަކީ މިއަދު ފާހަގަކޮށްލަންޖެހޭނޭ ކަމެކެވެ. އާއްމުން ޞިއްޙީ ކަންކަމަށް ހޭލުން ތެރިކުރުމާއި އަދި ޢާއްމު ޞިއްހަތާއި ގުޅުންހުރި ޚިދުމަތްތަކުގައިވެސް ނަރުހުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއެވެ. ކޮވިޑް19 ޕެންޑެމިކަކީ ދުނިޔޭގެ އެހެން ޤައުމު ތަކެކޭ އެއްފަދައިން ރާއްޖޭގައި ނޭވާހިފަހައްޓާލަން ޖެހުނު ދުވަސްތަކެކެވެ. ނަރުހެއްގެ ބޭނުން ކޮންމެ ދިވެހި ރައްޔިތަކުމެ ބޭނުންވިހިދު ދިވެހި ނަރުހުންތިބީ އެ ނުރައްކަތެރިކަމުގެ ތެރޭގައި އަތުކުރި އޮޅާލާފައެވެ. ކޮވިޑް19 ޕެންޑަމިކް ގެ ކާރިސާއިން ކުރެވިފައިވާ ތަޖްރިބާގެ އަލީގައި ނަރުހުންގެ ދާއިރާ މުސްތަޤްބަލުގައި ބައްޓަން ކުރަންވީގޮތް ދަސްކޮށް އަދި މިކަމަށް އިތުރު ފިޔަވަޅު އަޅަން ޖެހޭކަން ޝައްކެއްނެތި ހާމަވެއެވެ. ކޮންމެ ފަދަ ކާރިސާއެއް ދިމާވި ނަމަވެސް އެކަށީގެންވާ މިންވަރަށް ނަރުހުން ތަމްރީނު ކުރެވިފައިވުމާއި، ޚާއްޞަ ޙާލަތްތަކުގައި ބަލިމީހުންނަށް އަޅާލާނެ ގޮތް ދަސްކޮށްދިނުމާއި، އަދި މިފަދަ ޙާލަތްތަކުގައި ނަރުހުންގެ ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމުކަން ވަރަށްބޮޑަށް ދަސްވެގެން ހިގައްޖެއެވެ. އަދި ކޮބާތޯއެވެ. ކާރިސާތަކުގައި ހޮސްޕިޓަލްތައް ފުރިގެން ބަނޑުންވާއިރު، ދާއިމީ ބަލިތަކަށް ބޭސްފަރުވާ ހޯދާ ފަރާތްތަކާއި، މައިންނާއި ކުޑަކުދިންގެ ޞިއްޙީ ޚިދުމަތްފޯރުކޮށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވުންވެސް މުހިއްމުކަން ދަސްވެގެން ހިގައްޖެއެވެ.

ކޮމިއުނިޓީ ނާސިން އަކީވެސް ނަރުސްކަމުގެ ޚާއްޞަ ފަންނީ ދާއިރާއެވެ. ނުސީދާ ގޮތެއްގައި މިހާރުވެސް މިޚިދުމަތް ނަރުހުންގެ ފަރާތުން ފޯރުކޮށްދެވެމުން ދެއެވެ. އިޖްތިމާއީ ކަންކަމާއި ގުޅުންހުރި ޞިއްޙީ ކަންކަންވެސް އިތުރުވެފައިވާ މިދަނޑިވަޅުގައި ކޮމިއުނިޓީ ނާސިންގެ ބޭނުން ވަރަށް މުހިއްމެވެ. އެހެންކަމުން ނަރުސްކަން ކުރިއެރުވުމުގެ ވާހަކަ ދެކެވެމުންދާ މި މުނާސަބު ވަގުތުގައި ކޮމިއުނިޓީ ހެލްތު ނާސިން ރާއްޖޭގައިވެސް ތަޢާރަފް ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަން ފާހަގަ ކުރުމަކީ މުހިއްމު ކަމެކެވެ.

ކޮމިއުނިޓީ ނާސިން އަކީ ހަމަ އެކަނި ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމެއް ނޫނެވެ. ކޮމިއުނިޓީ ހެލްތު ނާސިން އަކީ ހޮސްޕިޓަލުން ބޭރުގައި ޕްރައިމަރީ ކެއާ ސެންޓަރުތަކުގައާއި ސްކޫލްތަކުގައާއި، ގޭގައާއި އަދި މިނޫންވެސް ތަންތަނުގައި ބަލިމީހުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށް ދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށާއި ޞިއްޙީ ކަންކަން ކުރިއެރުވުމަށް ކުރަން ހުންނަ ޚާއްޞަ މަސައްކަތް ކުރުމެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ވަކި ފަރުދުންނާއި އާއިލާއާއި، އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއިވެސް ގުޅިގެންނެވެ.

* އެ މުޖުތަމައެއްގައި ހުންނަ ޞިއްޙީ މައްސަލަތައް ދެނެގަނެ ޕްރޮގްރާމް ރާވާ ހިންގުން

* ގޭގައި ތިބޭ ބަލިމީހުންނަށް ބޭނުންވާ ކަންކަން ބެލެހެއްޓުން ( ލޭގެ ޕްރެޝަރ ބެލުން، ޕެއިން މެނޭޖް ކުރުން، ބޭސްދިބުން، ބޭސް އެޅުން ފަދަ ކަންކަން)

* ދާއިމީ ބަލިތަކަށް ،ހެލްތު ޗެކަޕް ހެދުމާއި ޚާއްޞަކޮށް ބަލިޖެހުމުގެ ފުރުސަތުބޮޑު މީހުން ޤަވާއިދުން ޗެކަޕް ހެދުން

* އަވަހަށް ބަލި ދެނެގަތުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ކައުސެލިންގ ދިނުން

ކޮމިއުނިޓީ ނާސިން އަކީ ރެޖިސްޓަޑް ނާސިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އޭގެ އިތުރަށް ފުރިހަމަ ކުރާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި ކޮމިއުނިޓީ ނާސިން ހެދުމަށްފަހުގައި ވެސް ކުޑަކުދިންނަށް ޚާއްޞަ، އަންހެނުންގެ ޞިއްޙަތަށް ޚާއްޞަ، ނުވަތަ އޮކިއުޕޭޝަނަލް ހެލްތު ފަދަ ދާއިރާތަކުންވެސް ޚާއްޞަވުމުގެ ފުރުސަތު އޮވެއެވެ. ކޮމިއުނިޓީ ނަރުހުންނަށް ޕްރައިމަރީ ހެލްތު ކެއަރގެ އިސް ދައުރެއް އަދާ ކުރެވޭނެއެވެ.

"ހޯމް ވިޒިޓިން ހަދަން ފެށިއިރު ވަރަށް ޖެހިލުންވެ އަދި ކަންބޮޑުވެ ޗެލެންޖިން ކަމަކަށްވީ. އެކަމަކު މަޑުމަޑުން ފަހުން އަމިއްލަ ނަފްސަށް އިތުބާރު ކުރެވެން ފެށުނު. ސަބަބަކަށްވީ ބަލިމީހުންނާއި އާއިލާގެ ފަރާތުންވެސް ވަރަށް އެއްބާރުލުން ލިބޭ. އާއްމުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ބްލަޑް ސާމްޕަލް އެއް ނަގާލުން، ކެތިޓަރ ޗޭންޗް ކުރުން، ބޭސް އެޅުން ފަދަ ކަންކަން. މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރެވިދާނެ ކަންކަމަން މިއީ އެހެން ނަމަވެސް ބަލިމީހާއަށް ފަސޭހަވާނެ ހުރިހާ ގޮތްތަކަށް ބަލާ އަދި ތަފާތުގޮތްތަށް ބަލިމީހާގެ ރައްކާތެރިކަމަށް ބަލަންޖެހޭ ކޮމިއުނިޓީ ނާސް އެއް ވެއްޖިއްޔާ. އެހެންކަމުން ވަރަށް ގިނަ އިރުވެސް ވޭ." ނަރުހެއް ކަމަށްވާ ނުހާ ބުންޏެވެ.

"އެހެން ނަމަވެސް ކޮމިއުނިޓީ ނާސް އެއް ވެއްޖެއްޔާ ވަރަށް ގިނައިރުވާނެ. އެއީ ބަލިމީހާއަށް ރައްކާތެރި ހުރިހާ ކަމަކާއި ބެހޭ ގޮތުން ވެސް އާއިލާއާއި އެކީވެސް މަޝްވަރާކޮށްފަ ނިކުންނަނީ. އެހެންވެގެން އާއިލާގެ ފަރާތުން ވެސް ކޮންމެ ގަޑިއެއްގަވެސް ގުޅާފަ ކަންތައް ކުރަންވީ ގޮތް އަހާލަން ޖެހިލުމެއް ނުވޭ. ވަރަށް ހިތްހަމަޖެހޭ އުފާވޭ މި އެހީތެރިކަން ފޯރުކޮށްދެވޭތީ. ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބޭ ބަލި މީހުންނަށް މިފަދަ ޚިދުމަތް ލިބޭނެ ގޮތްތަކެއް ރޭވިފައި އޮތުން މުހިއްމު."

ނަރުހުންގެ ވަޒީފާގެ މަސައްކަތްތައް ޒަމާނީ ވަޞީލަތްތަކާއި އެކު ކުރިއަރާފައިވީ ނަމަވެސް ނަރުސް ކަމުގަމުގެ މައިގަނޑު އަޞާޞަކީ ބަލިމީހާއަށާއި އާއިލާ އަށް އޯގާތެރިކަމާއި އެކީ ބާއްވަންޖެހޭ ޚާއްޞަ ގުޅުމެއްގެ ތެރެއިން ޚިދުމަތް ފޯރޮކޮށް ދިނުމެވެ.

ނޯޓް: މިއީ ކޮމިއުނިޓީ ނާސް ވޮލިންޓިއާސް ޖަމުއިއްޔާގެ ލިޔުމެކެވެ.

comment ކޮމެންޓް