ފެހެންދޫ ފަޅުގައި އޮތް ބޯޓަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ

ބ. ފެހެންދޫ ފަޅުގައި އޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދަނީ --- ފޮޓޯ/ ކިޔުންތެރިއެއް

ބ. ފެހެންދޫ ފަޅުގައި އޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.

މުދާ އުފުލާ ބޯޓާއި ލޯންޗުގައި ރޯވީ މިރޭ 1:15 ހާއިރުއެވެ.

ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން "ސަން"އަށް ވިދާޅުވީ އެ ދެ އުޅަނދުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ހަރަކާތްތެރިވަމުން،" އޭނާ ވިދާޅުވިއެވެ.

ޝައުފާން ވިދާޅުވީ މުދާ އުފުލާ ބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހިންގާ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެއް ކަމަށެވެ. އަދި އަލިފާން ރޯވި ލޯންޗަކީ އެ ބޯޓާ ކައިރީ އޮތް އެރަށު މީހެއްގެ ލޯންޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަލިފާން ރޯވިއިރު ބޯޓުގައި އެއްވެސް މީހަކު ނެތް. އަދި އެއްވެސް މުދަލެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވި ވަގުތު އެ ބޯޓާ ކައިރީ އޮތް ގިނަ އުޅަނދުތަކެއް ވަނީ ރައްކާތެރިކަމާއެކު އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް