ރައްޔިތުން ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގެ ސިފައިންނާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް

ސްރީލަންކާ ސިފައިން ކޮލަންބޯގެ މަގުތަކުގައި ހަރަކާތްތެރިވަނީ

ކޮލަންބޯ (11 މޭ 2022): ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އާންމު ރައްޔިތުން މައިތިރި ކުރުމަށްޓަކައި ރައީސް ގޮތަޔަބަޔަ ރާޖަޕަކްސަ އެގައުމުގެ ސަލާމަތީ ބާރުތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ދެއްވައިފިއެވެ.

ސްރީލަންކާގެ މީޑީއާ ބުނާގޮތުން މިއަމުރު ދެއްވާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ރައީސަށް ލިބޭ ގާނޫނީ ބާރުތަކުގެ ދަށުންނެވެ. ސްރީލަންކާގެ ފުލުހުންނާއި ސިފައިން ހިމެނޭގޮތަށް ސަލާމަތީ ބާރުތަކަށް ރައީސް ގޮތަޔަބަޔަ ދެއްވި އިތުރު ބާރުތަކުގެ ތެރޭގައި ތަންތަނުގައި ހުޅުޖެހުން ފަދަ ހަރުކަށި އަމަލުތައް ހިންގާ މީހުންނަށް އިންޒާރު ދިނުމަށްފަހު އެކަން ހުއްޓާނުލައިފިނަމަ ފަޔަށް ބަޑިޖެހުމާއި ހަރުކަށި އަމަލުތަކަށް ގޮވާލާމީހުން ކޯޓު އަމުރެއްނެތި ހައްޔަރުކުރުންފަދަ ބާރުތައް ހިމެނެއެވެ.

މީގެއިތުރުން ސަލާމަތީ ބާރުތަކުން ބަލައި ފާސްކުރަން ބޭނުންވާ އާންމުންގެ ގެދޮރާއި މުދަލާއި ވެހިކަލްތަކާއި ފިހާރަތަކާއި މުއައްސަސާތައްވެސް ކޯޓު ޢަމުރަކާ ނުލައި ބަލައިފާސްކުރުމުގެ ބާރު ފުލުހުންނާއި ސިފައިންނަށް ވަނީ ދީފައެވެ.

ސްރީލަންކާގެ އިސްވެރިންނާ އަދި ޕާލަމެންޓް މެންބަރުންނާ ދެކޮޅަށް އެގައުމުގެ އާންމުންވަނީ އުތުރިއަރަން ފަށާފައެވެ. މިއާއެކު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އާންމުންނާ ދެމެދު އެތައް ތަނެއްގައި ބޮޑެތި ތަޅާފޮޅުންތަކެއްވަނީ ހިނގާފައެވެ. މިތަޅާފޮޅުންތަކުގައި އަށް މީހުން މަރުވެފައިވާއިރު ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރަކުވަނީ ރައްޔިތުންނާ ކުރިމަތިލުމަށްފަހު ފަހުން އަމިއްލައަށް މަރުވެފައެވެ.

ސްރީލަންކާގެ ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަނީ

މީގެ އިތުރުން ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި ހިނގަމުންދާ ތަޅާފޮޅުންތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް އުތުރިއަރަން ފަށާފައިމިވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ދެއަހަރެއްހާ ދުވަހަށް ގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގްތިސާދު މުޅިން އިނދަޖެހި ލޯން ނުދެއްކޭފަދަ ހާލަތަކަށާއި ކާބޯތަކެއްޗާއި ތެލާއި ގޭސް އިންޕޯޓު ކުރާނެ ފައިސާ ނެތް ހާލަތަށް ގައުމު ދިޔުމުންނެވެ.

ސަރަހައްދީ ރޮނގު ދިގު މުއްދަތަކަށް ބަންދުކުރުމާ ގުޅިގެން ފަތުރުވެރިކަން މުޅިން އިނދަޖެހުނުއިރު ސްރީލަންކާއަށް ބޭނުންވާ ބޭރުފައިސާގެ ގާތްގަނޑަކަށް 80 އިންސައްތަ ލިބެނީ ފަތުރުވެރިކަމުންނެވެ. ސަރަހައްދީ ރޮނގު ދިގުމުއްދަތަކަށް ބަންދުކުރުމުގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގައިވެސް ސްރީލަންކާ ސަރުކާރުވަނީ ނާކާމިޔާބުވެފައެވެ.

މީގެއިތުރުން ކޮރަޕްޝަންގެ އަމަލުތަކާއި ވާރޭނުވެހުމުގެ ސަބަބުން ސްރީލަންކާގައި ޑޭމްތަކުގެ ފެނުން އުފައްދާ ކަރަންޓްވެސް ނުއުފެއްދުމާއި ނަގާފައިވާ ލޯންތައް ސްރީލަންކާގެ ކުރީގެ ސަރުކާރުންނާއި މިހާރުގެ ސަރުކާރަށްވެސް ރަނގަޅަށް މެނޭޖު ނުކުރެވުމާއި ކެމިކަލް ފާޓިލައިޒާ ބޭނުންކުރުން އެއްކޮށް މަނާކުރުމުގެ ސަބަބުން ދަނޑުވެރިކަން އިނދަޖެހުމަކީވެސް ސްރީލަންކާއަށް އިގްތިސާދީ ތަދުމަޑުކަން ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ނަމަވެސް މައިގަނޑު ސަބަބަކީ ކޮވިޑް-19އިން ސަލާމަތްވުމަށްޓަކައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ދެއަހަރެއްހާ ދުވަހަށް ގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުންކަމަށް އިގްތިސާދީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އެއީ ފަތުރުވެރިކަން ދެމިއޮތްނަމަ އިގްތިސާދީ ދަތިތައް ކުރިމަތިވިނަމަވެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދޭވަރަށް ބޭރުފައިސާ ލިބުނީސްކަމަށާ ގައުމު އެއްކޮށް އިނދަޖެހޭ ވަރަށް މާލީ ހާލަތު ނުދިޔައީސްކަމަށް އެފަރާތްތަކުން ދެކެއެވެ.

ސްރީލަންކާއަށް ކާބޯތަކެތީގެ ދަތިކަމާއި ތެލާއި ގޭހުގެ ދަތިކަމާއި ކަރަންޓްގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މީހުންނަށް ދިރިއުޅެން ދަތިވެފައިވާތާ އަށެއްކަ މަސްދުވަސް ވެފައިވެއެވެ. މިކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިހޫނުކަންވެސް ތަހައްމަލުކުރަންޖެހި މުއައްސަސާތަކުގެ މަސައްކަތްތައް ހުއްޓި ޚިދުމަތް ނުދެވުމުން ރައްޔިތުންގެ ރުޅިވެރިކަންވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ރައްޔިތުންގެ ރުޅިވެރިކަން މައްޗަށް ދިޔައީ މިހާލަތުގައިވެސް ޕާލަމެންޓް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ވަޒީރުން ތަނަވަހުގައި އުޅެމުންދާތީއާއި މަގާމުން އިސްތިއުފާ ދިނުމަށް ރައީސާއި ބޮޑުވަޒީރު ދެކޮޅު ހެއްދެވުމުންނެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ރައްޔިތުންގެ ބަޔަކު ނުކުމެ ސިޔާސީ މީހުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހަން ފެށުމުން ބޮޑުވަޒީރު ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލާގޮތްވީ ރައްޔިތުންނާ ކުރިމަތިލުމަށް ބޮޑުވަޒީރު ބަޔަކު ނެރުއްވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ ހާލަތާމެދު ރުޅިއައިސްފައިވާ އާންމުންވަނީ ބޮޑުވަޒީރާއި ޕާލަމެންޓް ބައެއް މެންބަރުންނާއި ބައެއް ވަޒީރުންގެ ގެދޮރާއި ފިހާރަތަކާއި ވެހިކަލްތަކުގައި ހުޅިޖަހައި އެތަކެތި އަންދާލާފައެވެ. މިގޮތުން ހަތާވީސް ގެ އަންދާލިކަމަށްވެއެވެ. އަދި އާންމުންގެ ބަޔަކުވަނީ ޕާލަމެންޓްގެ ބައެއް މެންބަރުންގެ ގައިގާ ތަޅައި އަނިޔާކޮށް އެމީހުން މަގުމަތީގައި ބަރަހަނާވެސްކޮށްފައެވެ.

comment ކޮމެންޓް