ހަމަލާގެ ދައުވާކުރީ އުސޫލާ އެއްގޮތަށް، ފަހުންލިބޭ ހެއްކަށް ބިނާކޮށްވެސް ދައުވާ ކުރެވޭނެ: ޕީޖީ

އި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުގައި ދައުވާ އުފުލާފައި ވަނީ އުސޫލާ އެއްގޮތަށް ކަމަށާއި ފަހުން ލިބޭ ހެކިތަކަށް ބިނާކޮށްވެސް ދައުވާ ކުރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައިވަނީ އެ މައްސަލައިގައި ހެކި ހޯދުމާއި ހެކި ވަޒަންކުރުމާއި އަދި ކޯޓަށް ދައުވާ ހުށަހެޅުމުގެ ތައްޔާރީތައް ކޮށްފައި ވަނީ ފުލުހުންގެ ތަހުގީގީ ޓީމުތަކާއި ޕްރޮސެކިއުޓަރުންގެ ޓީމުތަކާ ގުޅިގެން ކަމަށެވެ.

"މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގެ ހުއްޖަތެއް ނޫން. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ނުވަތަ ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުުރަށް ބުނެފައިވަނީ، އެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްތޯ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ ޢައްބާސް ފާއިޒު ވަރަށް ކައިރިން ބައްލަވައި އެކަން ކަށަވަރުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، ދައުވާ ކުރުމުގެ މަރުހަލާގައި ޢައްބާސް ފާއިޒުގެ އެއްވެސް ކަންބޮޑުވުމެއް ފާހަގަކޮށްފައިނުވާކަމަށް ބަޔާނުގައިވެއެވެ.

ރައީސް ނަޝީދު ވަނީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ކުރިއަށްގެންދާ ގޮތަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ ޓްވިޓާ އެކައުންޓަކުން ދާދި ފަހުން ކުރި ޓުވީޓެއްގައި ވަނީ އެ ހަމަލާގެ ތަހުގީގުގައި ބޮޑަށް ބުރަވެފައި ވަނީ ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފަށް ކަމަށެވެ. އަދި އެއީ ތަހުގީގެއް ކުރިއަށް ގެންދަން އެންމެ ގޯސް ގޮތް ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވެފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

ޕީޖީގެ ބަޔާނުގައިވާ ގޮތުން، އެ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ތަހުގީގުގައި އެކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ މީހާގެ އިއުތިރާފާއި ހެކިތަކުން ފެންނަން ހުރި ކަންކަމާ ދިމާވެއެވެ. އަދި އޭނާގެ އިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވެފައިވާ އިއުތިރާފެއްކަން، ފުލުހުންނާ ވަކިން، ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރުކުރައްވާފައިވާ ކަމަށާއި ކޯޓުންވެސް ވަނީ އެކަން ކަށަވަރު ކޮށްފައިކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޝަރީއަތުގެ މަރުހަލާގައި އޭނާ އިއުތިރާފު ނުވި ނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި ދައުވާތަކަށް ބާރުދޭނެ ހެއްކާއި ގަރީނާ ހުރީ ކޯޓަށް ހުށަހަޅާފައި ކަމަށް ޕީޖީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭކަމަށް، ހެކި ހުރެގެން ދަޢުވާކުރި އެހެން މީހުންގެ މައްސަލާގައިވެސް ކާފީ ހެކި ހުށަހަޅާފައިވާނެކަން ޕީޖީގެ ބަޔާނުގައިވެއެވެ. އެގޮތުން ހެކީގެ ތެރޭގައި، އިއުތިރާފު ބަޔާނުގެ އިތުރުން، ޑީއެންއޭ ހެއްކާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެެކިތަކާއި، ޚަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

އެ ހަމަލާއަށް އަހަރެއްވުމާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާ މެދު ތަހުގީގުގައި އަހަންމިއްޔަތުކަން ދީފައި ނުވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އާއިލާގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް