ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ޕީއެސްއެމްގެ ހުރިހާ ޕްރޮގްރާމެއް ހުށަހަޅައިދޭނީ ކުޑަކުދިން

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ޕީއެސްއެމްގެ ހުރިހާ ޕްރޮގްރާމެއް ކުޑަކުދިންލައްވާ ހުށަހަޅާގޮތަށް ހަމަޖައްސައިފިއެވެ.

ޕީއެސްއެމްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކުޑަކުދިންގެ ދުވަހު ޕްރޮގްރާމްތައް ހުށަހެޅުމުގެ ފުރުސަތު ކުޑަކުދިންނަށް ދިނުމަށް މާދަމާ ހެނދުނު ހަޔަކުން ރޭގަނޑު ހަޔަކަށް ޕްރޮގްރާމްތައް ހުށަހެޅުމުގެ ފުރުސަތު ކުޑަކުދިންނަށް ދީފައިވާކަމަށެވެ.

"މާދަމާ މި ފާހަގަކުރާ ކުޑަކުދިންގެ ދުވަހު އަޅުގަނޑުމެން ޕީއެސްއެމްގެ ފަރާތުން ކުޑަކުދިންނަށް މި ހުޅުވާލީ ކުޑަކުދިން ބްރޯޑްކާސްޓް ކުރުމުގެ ދުވަހެއްގެ ގޮތުގައި," ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

މާދަމާ ޕީއެސްއެމްގެ ޗެނަލްތައް ކަމުގައިވާ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމާއި ޕީއެސްއެމް ނިއުސްގެ އިތުރުން ދިވެހި އެފްއެމްގެ ހުރިހާ ޕްރޮގްރާމެއް ހުށަހަޅައިދޭނީ ކުޑަކުދިންކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް އެ ފުރުސަތު ދީފައިވަނީ ސްކޫލްތަކުން ޕްރޮގްރާމް ހުށަހަޅައިދިނުމަށް ޝައުގުވެރިވާ ކުދިން ހޯދައިގެ އެކުދިންނަށް ބޭނުންވާނެ ތަމްރީނުތައް ދީގެންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚަބަރު ގަޑިތަކުގައި މާދަމާ ޚަބަރު ކިޔާނީ ވެސް އެ ކުދިން. އަޅުގަނޑުމެން އެކުދިންނަށް ވާނީ އެ ހަފުތާގެ ތަމްރީނު ވެސް ދީފައި،" ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މާދަމާ ކިޔާނެ ބައެއް ޚަބަރު ތަކަކީ އެކުދިންގެ ޚިޔާލާ އެއްގޮތަށް އެކުދިން ލިޔެފައިވާ ޚަބަރުތައްކަކަށް ވާނެކަމަށެވެ.

comment ކޮމެންޓް