ތުއްތު ދެ ކުދިންގެ ބެލެނިވެރިޔަކާ ބައްދަލުވުމުން ބަންޑުން ކޮށްލި އިހުސާސްތައް ހިއްސާ ކޮށްލާނަމެވެ. ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށް އަވަދިނެތި މަސައްކަތް ކުރި ނަމަވެސް ސްކޫލަށް ކުރަން ޖެހޭ ހޭދަ އިންތިހާއަށް ބޮޑު ވާހަކައެވެ. މަދަރުސާއަށް ބޭނުންވާ ޒަރޫޒީ ސާމާނުން އެކަނި ނުފުދޭ ވާހަކައެވެ.
އޭނާ ބުނި ގޮތުގައި ސްކޫލުގެ ކުލާސްތަކަށާއި އިތުރު ހަރަކާތްތަކަށް ދަރިވަރުން ގެންދަން ޖެހޭ ސާމާނުގެ ލިސްޓު ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ކަހަލަ ގޮތަކަށް ބެލެނިވެރިންގެ ވައިބާ ގްރޫޕަށް އާދެއެވެ. މިއީ ފުދުންތެރިކަން ދަށް ބެލިނިވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.
މާލޭގައްޔާއި އަތޮޅު ތެރޭގެ ގިނަ ސްކޫލުތަކުގައި އިއްޔެ ކުޑަކުދިންގެ ދުވަސް ފާހަގަކުރި އިރު، ސޯޝަލް މީޑިއާއަށް އެ ފަދަ އެތައް ބެލެނިވެރިޔެއްގެ ޝަކުވާ ދޫކޮށްލާފައިވެއެވެ.
"ސްކޫލުން ބުނީ ފެއަރީ ޓޭލް ތީމް އަށޭ ހެދުން ލައިގެން އަންނަން ވާނީ. އެކުއްޖަކު ބޭނުންވާ ކެރެކްޓާ އަކަށް ވެވޭނެ އޭ. އަޅުގަނޑު ދަރިފުޅު ފޮނުވީ ރީތި ހެދުމެއް ލައްވާފަ. އެއީ މިވަގުތު ބޮޑު އަގު ދީފަ ކޮސްޓިއުމްއެއް ގަނެވެން ނެތީމަ. ގެއިން ދިޔައިރުވެސް ވަރަށް އުފަލުން ހުރީ ތިއްތި ހެދުމުގަ ސްކޫލަށް ދެވޭތީ. ބަލާ ދިޔައިރު ފާޑަކަށް ހުރީ." ބެލެނިވެރިޔާ ކިޔައިދިނެވެ.
ދަރިފުޅު މާޔޫސް ވާން ދިމާވީ ކުލާހުގައި ތިބި ބައެއް އެހެން ކުދިންގެ ފަރާތުން އަމާޒުވި މަލާމާތުގެ ބަސްތަކުން ކަމަށް ބެލެނިވެރިޔާ ބުންޏެވެ. މަންމަ 'ޕްރިންސަސް' ހެދުމެއް ނުގަނެދިނީ ކީއްވެތޯ އާއި، 'ޕްރިޓީ' ނުވެ ސްކޫލަށް އައީ ކީއްވެތޯ ބައެއް ކުދިން ސުވާލު ކުރި ކަމަށް ބުންޏެވެ.
ބައެއް ސްކޫލްތަކުން ބޮޑެތި ޚަރަދުތަކެއް ކުރި
މާލޭ ސަރަހައްދުގެ ގިނަ ސްކޫލުތަކުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގާފައެވެ. ބައެއް ސްކޫލްތަކުން ޖުމްލަކޮށް، 7،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދައް ބެެލެނިވެރިންގެ އަތުން ފައިސާ އެއްކޮށްފައިވެއެވެ.
އެއީ ސްކޫލް ޒީނަތްތެރި ކުރުމަށާއި، ކުދިންނަށް ބޭނުންވާ ބައެއް ހަދިޔާ ފަދަ ތަކެތި ފޯރުކޮށްދިނުމަށެވެ.
ކުދިންނަށް ކޮންމެހެން ބޭނުންވާ ސާމާނާއި، އެކަށީގެންވާ ހެދުމެއް ހޯދައި ދިނުމުގެ އިތުރުން ފަންޑް ރެއިސިންގެ ގޮތުގައި ނަގާ ފައިސާ ދެއްކުމަކީ ހުރިހާ ބެލެނިވެރިންނަށް ފަސޭހަ ކަމެއް ނޫނެވެ.
ކޮންމެ ބެލެނިވެރިޔަކުވެސް އެ މީހެއްގެ ފުދުންތެރިކަން ހުރި ވަރަކުން ދަރިންނަށް ހޯދައި ދޭނީ އެންމެ މޮޅެތި އެއްޗެހި ކަން ކަށަވަރެވެ. ނަމަވެސް ކަން މިހެން އޮތުމުން ކުދިންނަށް އެކުދީންނަކީ އެހެން ކުދިންނަށް ވުރެ ދެރަ، ނިކަމެތި ކުދިންގެ ގޮތުގައި އިހުސާސް ކުރެވޭ ފަހަރު އާދެއެވެ.
އަދި މިފަދަ ދުވަސްތައް ފާހަގަ ކުރުމުގައި ސްކޫލުތަކުގެ މެދުގައި ވާދަވެރިކަން އުފެދި ދެއްކުމަށް ކަންކަން ކުރާ ފަހަރުވެސް އާދެއެވެ.
އެންމެންގެ އިނގިލި މުދައްރިސުންނަށް
މިފަދަ ކަންތައްތައް ދިމާވުމުން ގިނަ ފަހަރު ބެލެނިވެރިން ގޯސް ކުރަނީ ސްކޫލުގެ މެނޭޖުމަންޓާއި ކުދީންނަށް ކިޔަވައިދޭ މުދައްރިސުންނެވެ. މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކު ބުނިގޮތުގައި ބެލެނިވެރިންގެ ޝަކުވާ އާއި ނުރުހުމާ ވަރަށް ގިނައިން ކުރިމަތިލާން ޖެހެއެވެ.
ކުޑަކުދީންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރާ މަގްސަދު އޮޅުވާލާ ކަމަށް ބުނެއެވެ. ތަނަވަސް މީހުންގެ ދަރީންނާ ގާތްކަން ބަހައްޓައި، އެ ކުދީންނާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.
ނަމަވެސް ޓީޗަރުން މިފަދަ ދުވަސްތައް ފާހަގަކުރަނީ ކުދިންނަށް އެ ކުދީންނަކީ މުހިންމު ބައެއް ކަން އިހުސާސް ކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.
"މިސްގެ ކުލާހުގެ ގިނަ ކުދިން އައީ ތީމްއަށް ހެދުން ލައިގެނެއް ނޫން. ބައެއް ކުދިން އައި އެކްޓިވިޓީ ޔުނީފޯމްގައި ވެސް. އެހެނެއް ކަމަކު އެއްވެސް ކުއްޖަކު ބާކީ ކޮށް ނުހަދަން. ފަހަރުގައި އެހެން ކުއްޖަކު އެކަހަލަ އެއްޗެއް ބުނެފާނެ. އެކަމަކު ކުދިންނަށް އަބަދުވެސް މި ދަސްކޮށްދެނީ އެކަކު އަނެކަކަށް އިހުތިރާމް ކުރަން. ތަފާތު ބަލައިގަންނަން." ޔޫކޭޖީ ދަރިވަރުންތަކަކަށް ކިޔަވައިދޭ ޓީޗަރަކު ބުންނެވެ.
ސްކޫލުގެ މާހައުލުގައި ކުދިންނަށް އުނގަންނައި ދިނުމަށް ޓީޗަރުން ކުރާ ހޭދަވެސް ކުޑައެއް ނޫނެވެ. ކުދިންނަށް ބައެއް ފިލާވަޅުތައް އުނގަންނައި ދިނުމަށް އަމިއްލަ ޖީބުން ޚަރަދު ކުރާ ޓީޗަރުންވެސް އުޅެއެވެ. އަދި ސްކޫލު ގަޑިން ބޭރުން ދަރިވަރުންގެ ކަންކަން އިންތިޒާމް ކުރުމުގައި ވަގުތު ހޭދަ ކުރާ ތީޗަރުންވެސް އިންތިހާއެވެ.
އެހެންނަމަވެސް ކުދީންގެ ހައްގުގައި ޓީޗަރުން ވާ ގުރުބާނީގެ އަންދާޒާ ކުރުމެއް ނެތި، މިފަދަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަވެސް ޓީޗަރުން ގޯސް ކުރާ ބެލެނިވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަން ޓީޗަރުން ފާހަގަކުރެއެވެ.
ސްކޫލަކީ ބެލެނިވެރިންގެ ތަނަވަސްކަން ދައްކަން އޮންނަ ތަނެއް ނޫން
ތައުލީމް އުނގަންނައިދޭ މަރުކަޒުތަކުގެ ފަލްސަފާއައް ވާން ޖެހޭނީ މުސްތަގުބަލަށް ހަރުދަނާ ދަރިވަރުން ބިނާ ކުރުމެވެ. އެފަދަ ކުދިންނަކީ ފަހަށް ރައްކާ ކުރަން ދަންނަ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން އެނގޭ ބަޔަކު ކަމުގައި ވުމެވެ.
ގިޔާސުއްދީން ސްކޫލަށް 11 އަހަރު ޚިދުމަތް ކުރެއްވި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވީ ބައެއް ފަހަރު ސްކޫލުތަކުގައި ހަރަކާތްތައް ރާވާ އިންތިޒާމް ކުރާ ގޮތުން، ކުދިންނަށް ނޭނގި ކަންތައްތަކެއް ދަސްވާން ދިމާވާ ކަމަށެވެ.
އަދި ބެލެނިވެރިންނާއި ސްކޫލުތަކުގެ މެދުގައިވެސް ވާދަވެރި ސަގާފަތެއް އުފެދެން ދިމާވާ ސަބަބަކަށް އެކަން ވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިޔެވިފަ އޮންނަ ކަރިކިއުލަމް އެއް ނޫން ސްކޫލުތަކުގައި ހަރަކާތްތައް ބާއްވާއިރު ކަން ކުރާނެ ގޮތާއި މި ކަންތައްތަކަކީ. ނަމަވެސް ކަން ކުރާ ގޮތުން ކުދިންނަށް އެބަ ދަސްވޭ ހިޑެން ކަރިކިއުލަމްއެއް. އެއީ ލިޔެވިފަ ނެތަސް، އެ ސްކޫލެއްގެ ސަގާފަތާއި އާދަކާދަޔާ. ސީދާ މޮޅު ހެދުމެއް ނޫނިއްޔާ މިކަހަލަ ހެދުމެއް ލާށޭ ކިޔާފަ މަޖުބޫރު ނުކުރިނަމަވެސް އެކަން ނުސީދާ ގޮތެއްގައި މަޖުބޫރު ވާތަން އާދޭ އެބަ." ޠާހާ ވިދާޅުވިއެވެ.
ޠާހާ ވިދާޅުވީ އެފަދަ ދުވަސްތަކުގައި އާ ހެދުން ގަނެ އަގުބޮޑު ތަކެތި ހޯދުމަށް ސްކޫލުން ބާރު ނާޅާކަން ސާފުކޮށް ކުދިންނަށް ބުނެދިނުން މުހިންމު ކަމަށެވެ. އަތުގައި ހުންނަ އެއްޗެއް ނުވަތަ އެހެން މީހެއްގެ އަތުން ބޭނުން ކޮށްލަން އެއްޗެއް ހޯދުމަކީ މައްސަލައެއް ނޫން ކަން އެ ކުދީންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުއަށް ބަލައިލުމުން ފެނިގެންދަނީ ލިބޭ އެއްޗަކަށް ވުރެ ދައްކަން ޖެހޭ އެއްޗިހި ގިނަވެގެން އުޅެން ޖެހޭ މަންޒަރެވެ. މި ހާލަތުގައި ސްކޫލުތަކުން ޚަރަދު ކުޑަ ކުރުމުގެ ސަގާފަތެއް ފަށައި އެކަން ދެމެހެއްޓުން މުހިންމެވެ. ޚަރަދު ކުރުމުގައި ވީހާވެސް ކުޑަ މިންވަރެއް ކަނޑައެޅިދާނެއެވެ.
އެހެންނޫން ކަމުގައި ވަނީ ނަމަ ތައުލީމް ހާސިލް ކުރުމުގެ އެންމެ ޅަފަތުގައި ކުދީންނަށް އެ ދަސްކޮށްދެވެނީ ނުބައި ސަގާފަތެކެވެ. އެ ކަން ބަދަލު ނުކޮށްފި ނަމަ ޔުނީފޯމުގެ ބޭނުންވެސް ކެނޑުނީއެވެ.
ތަފާތު ބަލައިގަތުމުގެ ވާހަކައަކީ އަޅުގަނޑުމެން އަބަދުވެސް ހަރު އަޑުން ދައްކާ ވާހަކައެކެވެ. ކުދީންގެ މެދުގައި ތަފާތު ފެންނަން ވާނީ އެކުދީންގެ އަމިއްލަ މަސައްކަތާއި ހުނަރުންނެވެ. ފާހަގަކުރާ ދުވަހަކާއި ލާ ފެއަރީޓޭލް ހެދުމަކުން ނޫނެވެ.