ރާއްޖޭގައި ފަތުރުވެރިއަކު ބޭނި މަހެއް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި

ތެރަރޯޓްއާ އޭނާ ބޭނި ބްލެކް ސުނޫކްއާއެކު--ފޮޓޯ/ ސޯޝަލްމީޑިއާ

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުން ފަތުރުވެރިއަކު ބޭނި މަހެއް, މިހާތަނަށް ބޭނި އެ ބާވަތުގެ އެންމެ ބޮޑު މަހުގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތެއްގައި ހިމަނައިފިއެވެ.

މަސްވެރިކަމުގައި ހަދާ ރެކޯޑުތައް ބަލަހައްޓާ އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފްއޭ)އިން ރެކޯޑެއް ކަމަށް ބަލައިގަނެފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއްކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ބޭނި "ބްލެކް ސްނޫކް" މަހެކެވެ. އެ ބާވަތުގެ މަހަށް އަދި ދިވެހި ނަމެއް ދީފައި ނުވެއެވެ.

އޭނާ އެ މަސް ބޭނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. އައްޑޫ ކައިރިން، 300 މީޓަރު އަޑިން ބޭނި އެ މަހުގައި 14.06 ކިލޯގްރާމް ހުރިއިރު، ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

View this post on Instagram

A post shared by Tristan (@tristan_tero51)

އެ މަސް ރެކޯޑު ފޮތަށް އަރާފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރަމުން ތެރަރޯޓުއާ ބުނީ އެ މަސް ބާނައިފައި ވަނީ ފާނަ ބޭނުމަށް ދިޔަ މަސްދަތުރެއްގައި ކަމަށެވެ. އަދި އޭނާއަށް ރެކޯޑު ހެދުނީ ގިނަ ބަޔެއްގެ އެހީތެރިކަމާއެކުކަން ފާހަގަކޮށް އޭނާ ވަނީ އެމީހުންނަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އޭނާ ގޮވައިގެން މަހަށް ދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓާގެ ވެރިޔާ ޢަބްދުﷲ އާނިފަށް ޚާއްޞަ ޝުކުރެއް އޭނާ އަދާކޮށްފައިވެއެވެ.

މީގެކުރިން އައިޖީއެފްއޭގައިި އެންމެ ބޮޑު ސްނޫކެއްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2017 ވަނަ އަހަރު ޖަޕާނުގެ މަސްވެރިއެއްކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހަކު ބޭނި މަހެކެވެ. އެ މަހުގެ ބަރުދަނުގައި 12.50 ކިލޯ ހުއްޓެވެ.

comment ކޮމެންޓް