ސަރުކާރުގެ ފޯރުންތެރިކަން ހުރި މިންވަރުން އެމްބިއުލާސް ގެނެސް ރަށްރަށަށް ފޮނުވޭނެ: ނަސީމް

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް: ސަރުކާރުގެ ފޯރުންތެރިކަން ހުރި މިންވަރުން އެމްބިއުލާސް ގެނެސް ރަށްރަށަށް ފޮނުވާނެ ކަމަށް ވިދާޅުވި

އެމްބިއުލާންސް ނުލިބޭ ރަށްތަކަށް ސަރުކާރުގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެމްބިއުލާންސް ގެނެސް ހަވާލުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ސަރުކާރުގެ މާލީ ޤާބިލުކަން ހުރި މިންވަރުން އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރާނެކަމަށެވެ.

ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން އަތޮޅު ތެރޭގެ ރަށްރަށަށް ބޭނުންވާ 100އަށްވުރެ ގިނަ އެމްބިއުލާންސް އެސްޓީއޯ މެދުވެރިކޮށް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މިދިޔަ ޖޫން މަހުގެ ފަހުކޮޅު ގެނައި 96 އެމްބިއުލާންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ރައްޔިތުންގެ ފަސޭހައަށް އެމްބިއުލާންސް ފަދަ އެއްޗެހި ގެނައުމަށް. އެހެންނަމަވެސް ސަރުކާރުގެ ތަނަވަސްކަން ހުރިވަރުން ދެއްތޯ ގެނެވޭނީ," ނަސީމް ވިދާޅުވިއެވެ.

މި ސަރުކާރުން ގިނަ އަދަދެއްގެ އެމްބިއުލާންސްތަކެއް ރާއްޖެ ގެނައި ނަމަވެސް ބައެއް ރަށްރަށުން އެމްބިއުލާންސެއް ނެތްކަމަށް ބުނެ އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެގޮތުން ގދ. ފިޔޮރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު "ސަން"އަށް ވަނީ އެ ރަށުގައި އެމްބިއުލާންސެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

ފައިޒަރު ވިދާޅުވީ އެ ރަށުގައި އޮތް އެމްބިއުލާންސް މިހާރު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭކަމަށެވެ. އަދި އެ ރަށުގައި ބަލި މީހުން އުފުލަނީ ރަށު ޕިކަޕުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން އޭޕްރީލް މަހު ގެންނަ އެމްބިއުލާންސް ޝިޕްމަންޓުން އެމްބިއުލާންސެއް ދޭނެކަމަށް ބުނި ނަމަވެސް އެމްބިއުލާންސް ދޭ ރަށްތަށް މިނިސްޓްރީން އާންމުކުރިއިރު އެ ލިސްޓުގައި ފިޔޮރީ ނެތްކަމަށް ފައިޒަރު ވިދާޅުވިއެވެ.

އެރަށަށް އެމްބިއުލާންސެއް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް