ގުޅީގައި ގާއިމުކުރި ޓާފް ދަނޑު ހުޅުވައިފި

ވޯލްޑް ފްރީ ސްޓައިލް ޗެމްޕިއަން ޝީން އަދި މިނިސްޓަރު މަހްލޫފް ގުޅީ ދަނޑު ހުޅުވައިދެއްވަނީ — ސަން ފޮޓޯ / ޝައިޙާން ޒަރީރު

ކ. ގުޅީގައި ސަރުކާރުން ގާއިމުކުރި ޓާފް ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދަނޑު ހުޅުވާފައިވަނީ އެކަމަށްޓަކައި ގުޅީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދަނޑު ހުޅުވައިދެއްވީ ވޯލްޑް ފްރީ ސްޓައިލް ޗެމްޕިއަން ޝީން ގާނިއާ އަދި ޔޫތު މިނިސްޓަރު އަޙުމަދު މަޙްލޫފެވެ.

މީގެ އިތުރުން ޝީން އަދި މިނިސްްްޓަރު މަހްލޫފް ވަނީ އެ ރަށުގެ ފުޓްސަލް ދަނޑު ވެސް ހުޅުއްވައިދެއްވާފައެވެ.

ދަނޑު ހުޅުވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ދަނޑުގެ މަސައްކަތް ނިންމާ މިއަދު ހުޅުވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ވަށާފެންސްގެ މަސައްކަތް ވެސް ވީ އެންމެ އަވަހަކަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ ޒުވާނުން އެދޭ ގޮތަށް ދަނޑުގައި ރަނގަޅު ފެންވަރެއްގެ ލައިޓިން ސިސްޓަމެއް ވެސް ގާއިމުކުރުމުގެ ކަންކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ރަށުގެ ކަނބަލުން ވޮލީ ކުޅުމަށް ވޮލީ ކޯޓެއް ގާއިމުކުުރުމުގެ ކަންކަން ވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ދަނޑު ހުޅުވުނުގެ މުނާސަބަތާ ގުޅިގެން އެ ރަށުގެ ޓީމަަކާއި، ޔޫތު މިނިސްޓްރީގެ ޓީމަކާ ދެމެދު އެކުވެރި ކަމުގެ މެޗެއް ކުޅުނެވެ. އެ މެޗު 2-1 އިންކާމިޔާބުކުރީ ގުޅީ ޓީމެވެ. އެ މެޗުގައި މިނިސްޓަރު މަހްލޫފް ވަނީ ކުޅުއްވައި، ލަނޑެއް ވެސް ޖަހާފައެވެ.

އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ވަނީ ފްރީ ސްޓައިލް ވޯލްޑް ޗެމްޕިއަން ޝީންގެ ހުނަރުވެރި ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ޗުއްޓީއަކަށް ޝީންމި ވަގުތު ރާއްޖޭގައި ހުރި އިރު، އޭނާ ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއާއެކު ރާއްޖެ އިސްތިހާރުވެގެން ދިޔުމުގެ ތެރެއުން ކޮންޓެކްޓްކޮށްގެން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް