އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ޔަހޫދީ ގުރޫޕެއް ކަމަށްވާ "ހައިކަލު ގުރޫފު" އިސްރާއީލުގެ ސިފައިންގެ ހިމާޔަތުގައި މާތްވެގެންވާ މަސްޖިދުލްއަޤުޞާގެ ހަރަމްފުޅުގެ ތެރެއަށް އަނެއްކާ މިއަދުވަނީ ވަދެގެންފައެވެ. މިއާއެކު ފަަލަސްތީނުގެ މުސްލިމުންނާއި އިސްރާއިލު ސިފައިންނާ އަދި ޔަހޫދީ ހައްދުފަހަނަޅާފައިވާ މީހުންނާ ދެމެދު އަޤުޞާ މިސްކިތުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ޔަހޫދީ "ހައިކަލު" ގުރޫޕަކީ މަސްޖިދުލްއަޤުޞާ ހުރި ބިމަކީ ސަލާމްލެއްވި ސުލައިމާނުގެ ފާނުގެ ޒަމާނުގައި ބިނާކުރި ޔަހޫދީންގެ ފައްޅިއެއް ހުރި ތަނެއްކަމަށް ދައުވާކޮށް މަސްޖިދުލްއަޤުޞާ ތަޅާލައި އެތަނުގައި ޔަހޫދީ ފައްޅިއެއް ބިނާކުރަން ފާޅުގައި އިސްރާއީލުގެ ސަރުކާރަށް ގޮވާލަމުންދާ ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބައިގަނޑެކެވެ.
މި ބައިގަނޑުގެ މީހުން މިއަދު ހެނދުނު ފަލަސްތީނުގެ މުސްލިމުންނަށާއި އިސްލާމީ ދުނިޔެއަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަސްޖިދުލްއަޤުޞާގެ ހަރަމްފުޅުގެ ތެރެއަށް ވަދެގަތީ ދުރާލައި އެކަމަށް ތައްޔާރުވުމަށްފަހު އިސްރާއީލު ސިފައިންގެ ހިމާޔަތުގައެވެ. ހަރުކަށި މިޖަމާއަތުގެ މުރުޝިދުންވަނީ އެޖަމާއަތުގެ މީހުން ގޮވައިގެން މަސްޖިދުލްއަޤުޞާގެ އެކި ތަންތަނަށް ގޮސް އެތަންތަނުގެ ހުރުމަތް ކެނޑުމުގެ އިންތިޒާމު މާ ކުރިން ހަމަޖައްސާފައެވެ.

އިސްރާއީލު ސިފައިން މަސްޖިދުލްއަޤުޞާގެ ހަރަމްފުޅުގައިި ނަމާދުކުރާ މުސްލިމުންގެ ގަޔަށް ކަރުނަގޭސް ޖަހަނީ
މިއަދު ޔަހޫދީ ހައްދުފަހަނަޅާފައިވާ ފަރާތްތައް މަސްޖިދުލްއަޤުޞާއަށް ވަދެގެންފައި މިވަނީ ދެހަފްތާ ވަންދެން ޔަހޫދީން އެތަނަށް ވަނުން އިސްރާއީލުން މަނާކުރުމަށްފަހުގައެވެ. ދެހަފްތާ ވަންދެން ޔަހޫދީން އަޤުޞާއަށް ވަނުން މަނާކުރީ ޔަހޫދީން ރަމަޟާންމަހުގެ ކުރީގެ ދެހަފްތާތެރޭގައި އެތަނަށް ވަދެގަތުމުން މަސްޖިދުލްއަޤުޞާގައި އަޅުކަންކުރާ ފަލަސްތީނުގެ މުސްލިމުންނާއި އެމީހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ފަލަސްތީނުގެ މުސްލިމުންނަށް ބޮޑެތި އަނިޔާތަކެއްލިބި ފަލަސްތީނު މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމުގެ ހަމަލާތައް ދިނުމާ ގުޅިގެންނެވެ.
މިކުރިމަތިލުންތަކުގެ ތެރެއަށް ޔަހޫދީންގެ ހިމާޔަތުގައި އިސްރާއީލު ސިފައިން ވަދެގަނެ ފަލަސްތީނު މީހުންގެ ގަޔަށް ރަބަރުއުންޑައިން ހަމަލާދީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ރޯދަމަހުގެ ކުރީކޮޅުގައާއި ފަހުދިހައިގެ ކުރީކޮޅު ޒަޚަމްކޮށްލާފައި ވެއެވެ. އަދި އިސްރާއީލު ސިފައިން މަސްޖިދުލްއަޤުޞާގެ ބައެއް ކުޑަދޮރުތައްވެސް ހަލާކުކޮށް އެމިސްކިތުގެ ތެރެއަށް ބޫޓާއެކުވަދެ ފަލަސްތީނު މީހުން ނަމާދުކުރަން ތިއްބައި އެމީހުންގެ ގައިގައި ލަޓިބުރިން ތަޅައި މޫނަށް ކަރުނަ ގޭސް ޖެހުންފަދަ ލައިންސާނީ އަމަލުތައް ހިންގާފައިވެއެވެ.

މަސްޖިދުލްއަޤުޞާގެ ބައެއްކަމަށްވާ މަސްޖިދުލްގިބްލީ
ފާއިތުވި ދެހަފްތާގައި މަސްޖިދުލްއަޤުޞާއަށް ޔަހޫދީން ވަނުން އިސްރާއީލުން މަނާކުރީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި ފަތްހު ޖަމާއަތުން މިމައްސަލާގައި އިސްރާއީލަށް ވަރުގަދަ އިންޒާރުތަކެއް ދިނުމާ ގުޅިގެންނެވެ. ހަމާސްއިންވަނީ އިންޒާރު ދިނުމުގެ ގޮތުން އިސްރާއީލުގެ އެތެރެއަށް ރޮކެޓް ހަމަލާތައްވެސް ދީފައެވެ.
މަސްޖިދުލްއަޤުޞާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލައެވެ. އަދި އެއި ކީރިތި ރަސޫލާގެ އިސްރާގެ ދަތުރުފުޅުގެ މަންޒިލްވެސް މެއެވެ. މީގެއިތުރުން އެއީ ގަދައަޅައި އެތަންތަނަށް ދިޔުމަށް ކީރިތި ރަސޫލާ (ސޢވ) މުސްލިމުންނަށް ގޮވާލައްވާފައިވާ ތިން މިސްކިތުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. މިގޮތަށް ގޮވާލައްވާފައިވަ އަނެއް ދެމިސްކިތަކީ މައްކާގައި ހުންނަ މަސްޖިދުލް ހަރާމް އާއި މަދީނާގައި ހުންނަ އަލްމަސްޖިދުއްނަބަވީއެވެ.

މަސްޖިދުލްއަޤުޞާގެ ބައެއްކަމަށްވާ މުސައްލާ އަލްމަރުވާނީ
މިހުރިހާ ހަގީގަތްތަކުން އެނގި ހާމަވާ ކަމަކީ 1967 ވަނައަހަރު އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ރަށެއްކަމަށްވާ އަލްގުދްސުގެ އިރުމަތީ ފަޅީގައި ހުންނަ މަސްޖިދުލްއަޤުޞާއަކީ އިސްލާމްދީނާ ގުޅިފައިވާ އަދި މުސްލިމުންނަށް ޚާއްޞަ ތަނެއްކަމާއި އެއީ ޔަހޫދީންނާ އެއްވެސް ވަރެއްގެ ގުޅުމެއް ނުވާތަނެއްކަމެވެ.
އެތަނުގައި ކުރިން ޔަހޫދީ ފައްޅިއެއް (ހައިކަލް)އެއް ހުންނަ ކަމަށް ޔަހޫދީ ހަރުކަށި މީހުން ކުރާ ދައުވާއަކީ ތާރީޚީ ގޮތުންވެސް ސާބިތު ނުހިފޭ އަދި ކަނޑައެޅިގެން ބާތިލު ދައުވާއެކެވެ. ހައިކަލް ހޯދުމަށް ކަމަށް ބުނެ އިސްރާއީލުން މަސްޖިދުލްއަޤުޞާގެ އެކިސަރަހައްދުތަކުގެ ބިމުގެ އަޑި ކޮންނަމުންދާތާ 40 އަހަރު ވެފައިވީނަމަވެސް އެފަދަ ހައިކަލެއްގެ ހިލަމެއްވެސް އެތަނުގެ އަޑިން ފެނިފައެއް ނުވެއެވެ.
ތާރީޚު ބުނާގޮތުން ޔަހޫދީންގެ ވެރިކަމެއް ގުދްސުގައި ބިނާކޮށްފައިވަނީ މަސްޖިދުލްއަޤުޞާ ބިނާކުރިތާ އެތައް ހާސް އަހަރެއްގެ ފަހުންނެވެ. އަދި ޔަހޫދީން ފަލަސްތީނުގެ ބިމަށް ވަދެގަތީވެސް މިސްރުގެ ފިރުއަވްނެއް ކަމަށްވާ ރަމްސީސް ދެވަނައިގެ ދުވަސްވަރުގައެވެ. އޭގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ކަންއާނީން (މިހާރުގެ ފަލަސްތީނުގެ މީހުން) ގުދްސާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދިއައެވެ.
ޔަހޫދީންނަކީ ފަލަސްތީނުގެ ބިމުގައި ދިރިއުޅުނު ބައެއްނޫނެވެ. ޔަހޫދީންނަކީ ސަލާމް ލެއްވި މުސާގެފާނުގެ ދުވަސްވަރު މިސްރުގައި ދިރިއުޅުނު ބައެކެވެ. ޔަހޫދީން ފަލަސްތީނަށް ވަދެގަތީ މިސްރުގައި ދިރިއުޅެމުން ދަނިކޮށް ފިރުއަވްނުގެ އަނިޔާތައް އެމީހުންނަށް ބޮޑުވެ ފިރުއަވްނުގެ ކިބައިން ސަލާމަތްވުމަށްކަން ތާރީޚު ހެކިދެއެވެ.

މަސްޖިދުލްއަޤުޞާގެ ބައެއްކަމަށްވާ މުސައްލާ ބާބުއްރަޙްމާ
ޔަހޫދީން ފިރުއަވްނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ފަލަސްތީނުގެ ބިމަށް ވަދެގަތީ ފަލަސްތީނުގެ ބިމުގައި ކަންއާނީން (މިހާރުގެ ފަލަސްތީނުގެ މީހުން) ދިރިއުޅެމުން ގެންދަނިކޮށެވެ. މިއީ ބަދަލުނުކުރެވޭނެ ތާރީޚީ ހަގީގަތްތަކެވެ. ޔަހޫދީން ފަލަސްތީނަށް ވަދެގަނެ ބިނާކުރި ތަނެއް ބިނާކުރީ އެއަށްފަހުއެވެ.
އޭގެ މާކުރިންވެސް މަސްޖިދުލްއަޤުޞާ ވަނީ ބިނާކޮށްފައެވެ. ނަމަވެސް މިހާރު ހުރިގޮތަކަށް ނޫނެވެ. ކުރީގެ ބިންގާގެ މަތީގައި މިހާރު ހުރިގޮތަށް މަސްޖިދުލްއަޤުޞާ ބިނާކުރީ އުމަރުގެފާނުގެ ޚަލީފާކަމުގައި މުސްލިމުން ރޯމަނުންގެ އަތްދަށުން އަލްގުދްސު މިނިވަން ކުުރުމަށްފަހު މުސްލިމުންނެވެ.
މަސްޖިދުލްއަޤުޞާ ބިނާކުރެވުނު ތާރީޚު އެނގޭކަށް ނެތެވެ. ނަމަވެސް މައްކާގައިވާ މަސްޖިދުލްހަރާމް (ގެފުޅު) އަށްފަހު މިބިންމަތީގައި ދެވަނައަށް ބިނާކުރެވުނު މިސްކިތަކީ މަސްޖިދުލްއަޤުޞާ ކަމާއި މަސްޖިދުލްއަޤުޞާ ބިނާކުރެވުނީ މަސްޖިދުލްހަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުން ކަން ކީރިތި ރަސޫލާ (ސޢވ)ގެ ހަދީޘްފުޅުތަކުން ވަރަށް ރަނގަނޅަށް ހާމަވެފައިވެއެވެ.
އެހެންކަމުން ފަލަސްތީނާއި މަސްޖިދުލްއަޤުޞާގެ މިލްކުވެރިކަމަށް ޔަހޫދީން ކުރާ ދައުވާގައި އެއްވެސް އަސާސެއްނެތެވެ. އެއި ކަނޑައެޅިގެން ބާތިލު ދައުވާއެކެވެ. މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ މާތް ﷲގެ އަމުރުފުޅަށް މަލާއިކަތުންކަމަށްވެސް ބުނެވެއެވެ. އަދި އެއީ ސަލާމްލެއްވި އާދަމްގެފާނު ބިނާކުރެއްވި މިސްކިތެއްކަމަށްވެސް ބުނެވެއެވެ.

1969 ވަނަ އަަހަރު ޔަހޫދީން މާތްވެގެންވާ މަސްޖިދުލްއަޤުޞާ އަންދާލުމަށްޓަކައި އެމުގައްދަސް ބިނާގައި ހުޅުޖަހާފައި
މަސްޖިދުލްއަޤުޞާގެ ހަރަމްފުޅަކީ 144 ހާސް އަކަމީޓަރުގެ ބޮޑު ސަރަހައްދެކެވެ. އެހަރަމްފުޅުގެ ތެރޭގައި ހަތަރު މިސްކިތާއި އިސްލާމީ 200 ވަރަކަށް އާސާރީތަންތަން ހުރެއެވެ. މަސްޖިދުލްއަޤުޞާގެ ހަރަމްފުޅު ތެރޭގައިވާ ކޮންމެ މިސްކިތަކީވެސް މަސްޖިދުލްއަޤުޞާގެ ބައެކެވެ.
މިހަތަރު މިސްކިތުގެ ތެރޭގައި ހިމެނެނީ ރަންގުއްބު ލާފައިވާ މިސްކިތް ކަމަށްވާ މަސްޖިދުއްސަޚްރާ، އަޅިކުލައިގެ ގުއްބު ލާފައިވާ މިސްކިތް ކަމަށްވާ މަސްޖިދުލްގިބްލީ އަދި މުސައްލާ އަލްމަރުވާނީ އާއި މުސައްލާ ބާބުއްރަހްމާ އެވެ. މަސްޖިދުލްއަޤުޞާގައި މިހުރިހާ މިސްކިތްތަކެއްވެސް ހިމެނެއެވެ. މިއިން ކޮންމެ މިސްކިތަކީވެސް މަސްޖިދުލްއަޤުޞާގެ ތަންތަނެވެ. މީގެއިތުރުންވެސް މަސްޖިދުލްއަޤުޞާގެ ހަރަމްފުޅުގެ ތެރޭގައި އިސްލާމީ 200 މައުލަމު (ލޭންޑްމާކު) ހުރެއެވެ.
އިސްރާއީލުގެ ސަރުކާރު އަޑީގައި އޮވެގެން 1969 ވަނަ އަހަރު ޔަހޫދީއަކުވަނީ މާތްވެގެންވާ މަސްޖިދުލްއަޤުޞާގައި ހުޅުޖަހައި އެ މުގައްދަސް ބިނާ އަންދާލަން މަސައްކަތްކޮށްފައެވެ. ހުޅުޖެހުމުގެ ސަބަބުން އެމިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިޖަރީމާ ހިންގީ އިސްރާއީލުން އަލްގުދްސުގެ އިރުމަތީ ފަޅިއާއި ފަލަސްތީނުގެ އިތުުރު ބިންތަކަކާއި ސޫރިޔާގެ ގޯލަންގެ ބިން ޖަހައިގަތްތާ ދެއަހަރު ފަހުންނެވެ. މަސްޖިދުލްއަޤުޞާ ހުންނަނީ އިސްރާއީލު ޖަހައިގަނެގެން އުޅޭ ގުދްސުގެ އިރުމަތީ ފަޅީގައެވެ.
ޔަހޫދީންގެ އަޅުވެތިކަމުން މާތްވެގެންވާ މަސްޖިދުލްއަޤުޞާ މިނިވަންކުުރުމަކީ ފަލަސްތީނު މީހުންގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ މުސްލިމުންވެސް ކުރަންޖެހިފައިވާ ވަރަށް ބޮޑު ޖިހާދެކެވެ.