ބެންޒިމާގެ ގޯލުން ސިޓީ ކަޓުވާލާ ރެއާލް ފައިނަލަށް

ސިޓީއާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ސެންތިއާގޯ ބާނެބައުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 3-1އިންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނުއިރު، 3-4ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ސިޓީގެ ބެނާންޑޯ ސިލްވާ ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލާފައެވެ. އޭގެ ދެ މިނެޓު ފަހުން ގެބްރިއަލް ޖީސުސް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ލަނޑުތައްް ފެނިފައިވަނީ ދެ ވަނަ ހާފުގައެވެ. އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސިޓީންނެވެ. އެގޮތުން 73 ވަނަ މިނެޓުގައި ސިލްވާ ދިންބޯޅައަކުން މި ލަނޑު ޖަހައިދިނީ ރިޔާދް މަހްރޭޒްއެވެ. އެއާއެކު އެގްރިގޭޓް ނަތީޖާ ވަނީ 5-3އަށް ބަދަލުވެފައެވެ.

ރެއާލުން ވަނީ އޭގެ ފަހުން ގާތްގާތުގައި ދެ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. ނުވަދިހަ ވަނަ މިނެޓުގައި ކަރީމް ބެންޒީމާގެ އެހީތެރިކަމާއެކު ރޮޑްރީގޯ ލަނޑެއް ޖެހިއިރު، އޭގެ މިނެޓެއް ފަހުން މާކޯ އެސެންސިއޯ ދިން ބޯޅައަކުން ރޮޑްރީގޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ނަތީޖާ ނެރުމަށް ޓަކައި ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. ރެއާލް މޮޅުކޮށްދިން ލަނޑު 95 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ބެންޒީމާއެވެ.

ފައިނަލްގައި ރެއާލް ނިކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

comment ކޮމެންޓް