ޢީދު ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

ޢީދު ޗުއްޓީއަށް ބަޔަކު އަތޮޅު ތެރެއަށް ފުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފިތުރު އީދު ދުވަހުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ ދޭއްވާ ހޯމަ ދުވަހަކީ މި އަހަރުގެ ފިތުރު ޢީދު ދުވަހެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް އީދު ބަންދު ތެރޭގައި ވެސް ރާއްޖޭގެ އެެކި ސަރަހައްދުތަކަށް ދޭތެރެދޭތެރެއިން ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަންނަ ހުކުރު ދުވަހު މެންދުރު ފަހުން ފަށައިގެން ފިތުރު އީދު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކަކަށް ވެސް މޫސުން ގޯސްވެ، އާއްމު ގޮތެއްގައި ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން އެ ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް