އީލޯން މަސްކް 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަނެފި

ބިލިއަނަރު އީލޯން މަސްކް 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަނެފިއެވެ.

ދުނިޔޭގެ ލީޑަރުން ހިމެނޭ ގޮތަށް އެތައް މިލިއަން މީހުން ބޭނުން ކުރަމުންދާ އެ ޕްލެޓްފޯމް މަސްކް ގަނެފައިވަނީ 44 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާއިންނެވެ.

ޓުވިޓާ ގަންނަން މަސްކް ހުށަހެޅީ އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރު ޖެހޭ ގޮތަށެވެ.

މިނިވަން ޚިޔާލު ގެންގުޅޭ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަސްކް ވަނީ ޓުވިޓާގައި މީހުންގެ ޝުއޫރުތައް މޮޑެރޭޓު ކުރާތީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ ބޭނުން ވަނީ ޓުވިޓާއަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ޕްލެޓްފޯމަކަށް ހަދާށެވެ.

މަސްކް ޓުވިޓާ ގަތުމާއެކު ގިނަ ސިޔާސީ އެކްޓިވިސްޓުން ލަފާކޮށްފައިވަނީ، ބައެއް ޓުވީޓުތަކުގެ ސަބަބުން މީހުންގެ އެކައުންޓު ދާއިމީކޮށް ސަސްޕެންޑު ކުރުން ފަދަ ފިޔަވަޅުތައް އެޅުން މަދުވާނެ ކަމަށެވެ. އެގޮތުން ޓުވިޓާއިން ދާއިމީކޮށް ސަސްޕެންޑުކޮށްފައިވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓުވެސް އަލުން ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް އެކްޓިވިސްޓުން ލަފާކުރެއެވެ.

ޓުވިޓާއިން ޓްރަމްޕްގެ އެކައުންޓު ބޭނުން ނުކުރެވޭ ގޮތް ހެދީ، އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ވޮޝިންޓަން ޑީސީގައި މުޒާހަރާ ކުރުމަށް އޭނާއަށް ތާއިދު ކުރާ ފަރާތްތަކަށް ގޮވާލެއްވި ފަހުންނެވެ.

އޭގެ ފަހުން ޓްރަމްޕަށް ތާއިދު ކުރާ މީހުން ޑީސީގައި މުޒާހަރާކޮށް، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ތެރެއަށް ވެސް ވަދެ، ހަމަނުޖެހުން ހިންގިއެވެ.

ފޯބްސް މެގަޒިންގެ "ދުނިޔޭގެ އެންމެ މުއްސަނދި މީހުން"ގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ މަސްކްގެ ނަމެވެ. އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުންޏާއި ޖައްވީ އުޅަނދުތައް އުފައްދާ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ ކަމަށްވާ މަސްކްގެ މިލްކިއްޔާތުގެ އަގު މިހާރު 269.7 ބިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް